01 Jun 2011, 18:11
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑާ ރީކޯ މޫސާ މަނިކު މިއަދު ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
އެފަދަ ޝަކުވާތައް ބަލައިގަތުމަށް ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ހުޅުވާފައިވާ އޮފީހަށް މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ ވިދާޅުވީ، ޖަލު ބަންދުގައި ހުންނެވިއިރު އޭނާ އަށް ކޮށްފައިވާ އަނިޔާގެ ބަޔާންތައް ދެއްވާފައިވާ ކަމަށެވެ. އަދި ޖަލުގައި އަނިޔާކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ ވ. ކެޔޮދޫ އިބްރާހިމް އަނީސްއާ ބެހޭ މައުލޫމާތު ވެސް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް މޫސަ ނުދެއްވަ އެވެ.
"އަތްބަޅޭ މަރާލި މައްސަލާގައި ވެސް އަޅުގަނޑަށް އެނގޭ ވަރަށް ބަޔާން ދީފިން. އޭގެ ތަފްސީލުތަކަކަށް އަޅުގަނޑަކަށް ދެވޭކަށް ނެތް،" މޫސަ ވިދާޅުވި އެވެ.
މީގެ އިތުރުން 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާގެ ފަހަތުގައިވަނީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ކަމަށް އިޝާރާތްކުރައްވަމުން މޫސަ ވިދާޅުވީ، "މައުމޫނަށް މި ކަމުން ނެއްޓޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ.
އަދި އޭނާ ވިދާޅުވެފައިވަނީ، އީވާން މަރާލި ހާދިސާއާއި މާފުށީ ޖަލުގައި ބަޑިޖެހުމުގެ ހާދިސާއާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން ބަޔާން ދެއްވާފައިވަނީ އެކިފަހަރު އެކި ގޮތަށް ކަމަށެވެ. އެގޮތުން އީވާން ޖަލުގައި މަރުވިކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވީ އީވާންގެ އާއިލާ އިން އެންގުމުން ކަމަށް މައުމޫން އޭރު ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވާއިރު، ޖަލުގައި ގައިދީ އަކަށް އަނިޔާކުރިކަން އީވާން މަރުވުމުގެ ދެ ގަޑިއިރު ކުރިން ގޭގައި ހުންނަވަނިކޮށް އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވާ ބަޔާނުގެ ރެކޯޑިން އެބަހުރި ކަމަށް ވެސް މޫސަ މިއަދު ވިދާޅުވި އެވެ.
ޖަލު އަނިޔާތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ މޫސަ މިއަދު ވިދާޅުވީ، ކުރީ ސަރުކާރުގައި ޖަލު ބެލެހެއްޓެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިސްތަފާ އިބްރާހިމް މަނިކަށް ވެސް "ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ. އަދި އޭނާ ކޯޓުން ދޫކޮށްލުމުން އަނިޔާ ލިބުނު މީހުން ވަނީ ވަރަށް މާޔޫސްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި، އިސްތަފާ ވަކީލަކަށް ޝާހީން ހަމީދު ހުންނެވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫނެވެ. އެއީ އީވާން މަރާލި މައްސަލަ އާއި ޖަލުގައި ބަޑި ޖެހުމުގެ ހާދިސާ ތަހުގީގުކުރުމަށް އޭރު ރައީސް މައުމޫން އުފެއްދެވި ރިއާސީ ކޮމިޝަންގައި ޝާހީން ހަމީދު ހިމެނިވަޑައިގަންނަވާތީ ކަމަށާއި އެ ކޮމިޝަނުން ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެހެން މުއައްސަސާތަކަށް ބަޔާންތައް ދީފައިވަނީ އެ ހާދިސާގެ ފުރިހަމަ މައުލޫމާތު ސިއްރުކުރުމަށް ފަހު ކަމަށް ވާތީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުން ވެސް އަދި މާދަމާ އަންނާނެ ސަރުކާރަކުން ވެސް ގައިދީއަކަށް ލާއިންސާނީ އަނިޔާތައް ދިނުމަކީ" ގަބޫލުކުރައްވާނެ ކަމަށް ނޫން ކަމަށާއި އަދި ކުރީ ސަރުކާރުގައި އަނިޔާލިބިފައިވާ ގައިދީން އެ މައްސަލަތައް ސިއްރުނުކޮށް ފުލުހުންނަށް ހުށަހެޅުމަށް ވެސް މޫސަ އެ ފަރާތްތަކަށް އޭނާ އިލްތިމާސްކުރެއްވި އެވެ.