ޑްރައިވިން ލައިސަންސް ނެގުމަށް ކާނިވާ ސަރަހައްދުގައި އަލަށް ހެދި ލައިސަންސް ޓްރެކް މިއަދު ހުޅުވައިފި އެވެ.

ކާނިވާ ސަރަހައްދުގައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އަލަށް ހެދި ޑްރައިވިން ލައިސަންސް ނަގާ ސަރަހައްދު ހުޅުވައި ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާއިޒު ވިދާޅުވީ މިއަދު އަލަށް ހުޅުވި ޑްރައިވިން ލައިސަންސް ސަރަހައްދަކީ އެ މަސައްކަތް ކުރުމަށް މިއަދު މާލެއިން ލިބިގެންދާނެ އެންމެ ރަނގަޅު ބިން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.

އަލަށް ހެދި ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ އާދަމް ނަޒީރު

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ސައިކަލު ދުއްވާ ފަރާތްތަކުން ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ އިލްތިމާސެއް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ގާނޫނު ހަދާ މަޖިލީހުން ވެސް އެބަޖެހޭހެން މިކަމުގައި ވިސްނާލަން. ޓްރާންސްޕޯޓު އޮތޯރިޓީން އަބަދުވެސް ބާރުއަޅާ ކަމެއް ހެލްމެޓު އަޅައިގެން ޑްރައިވުކުރުން. އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮތުމަަީ ޓްރާންސްޕޯޓު އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެ އުސޫލުން. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިގެން ދަނީ ބޮލަށް ލިބޭ އަނިޔާގެ ސަބަބުން." ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ޑްރައިވިން ލައިސަންސް ސަރަހައްދުގެ އިތުރުން ހުޅުމާލޭގައި ވެސް އެފަދަ ތަނެއް ހެދުމުގެ ވިސްނުން އެ އޮތޯރިޓީން ގެންގުޅޭ ކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ ޑްރައިވިން ލައިސަންސް ނަގާ ތަނަކީ މިހާރަށް ވުރެވެސް ފުރިހަމަ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އަލަށް ހެދި ލައިސަންސް ޓްރެކުގައި މީހަކު ސައިކަލު ދުއްވަން ދަސްކުރަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިތަނުގައި ވެސް ބައެއް ކަހަލަ އުނި ކަންކަން ހުރުމަކީ އެކަށީގެންވާ ކަމެއް. ޑްރައިވިން ސުކޫލުތަކަށް އެންމެ ފަސޭހަ ގޮތަކަށް މިތަން އަދި ނެތިވެސް ހިނގައިދާނެ. ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީން ބަލާފައި މިއޮތީ ދުއްވާ މީހުންނަށްވެސް އަދި އެގްޒަމިނަރުންނަށް ވެސް އަދި ސުކޫލުތަކަށް ވެސް މިތަނުގައި ލިބިފައި އޮތް ޖާގައިގެ ތެރޭގައި މިކަން ކުރެވޭތޯ،" ނާފިޒު ވިދާޅުވި އެވެ.

މީގެ ކުރިން ލައިސަންސް ނަގަން ބޭނުން ކުރީ މިހާރު ސުނާމީ ބިނާ ހުންނަ ސަރަހައްދެވެ. ނަމަވެސް އެ ސަރަހައްދުގައި އައިޖީއެމްއެޗުގެ އިމާރާތުގެ މަސައްކަތް ކުރާތީ އެތަން ކާނިވާ ސަރަހައްދަށް ބަދަލު ކުރި އެވެ.