05 Sep 2016, 16:52
އަރާމު ދިރިއުޅުމަކަށް ހާއްސަކޮށްގެން ދަމާސް ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ ފްލެޓް އިމާރާތް "ވަން އެވެނިއު" ރަސްމީކޮށް އިފްތިތާހުކޮށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި އެވެ.
ހުޅުމާލޭ ފެރީ ޓާމިނަލްއިން ހަތަރު ވަރަކަށް މިނެޓު ތެރޭ ހިނގާފައި ދެވޭ ސަރަހައްދުގައި އިމާރާތްކުރާ އެމަޝްރޫއު ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމަޝްރޫއު ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މެދުފަންތީގެ ފަރާތްތަކާއި ތަނަވަސް ފަރާތްތަކަށް މި މަޝްރޫއުގެ ސަބަބުން އުންމީދެއް ލިބިގެންދާނެ ކަމަށެވެ.

"މިޕުރޮޖެކްޓާއެކު 90 އެއްހާ އާއިލާއަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ލިބޭނެ ކަމަށް އުންމީދު ކުރެވޭ." މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ސަރުކާރުން ހަމައެކަނި ފުލެޓްތައް ހެދުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކާވެސް ހަވާލުކޮށްގެން އެކި އުސޫލުތަކުގެ މަތިން އެކަން ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމާނީ ފެންވަރުގެ އެޕާޓްމަންޓްތަކެއް!
ދަމާސް "ވަން އެވެނިއު" މަޝްރޫއުގެ ދަށުން ހަދާ އެޕާޓްމަންޓުތަކަށް ހުޅުމާލޭގައި އަލަށް ހަދާ ޔޮޓް މެރީނާ ނުވަތަ ސެންޓްރަލް ޕާކްފެނެއެވެ. ކޮންމެ އެޕާޓްމަންޓަކަށް ބެލްކަންޏަކާއި ބަދިގެއެއް އަދި ސިޓިން ރޫމެއް ހުރެއެވެ. އެއިމާރާތުގައި އެއް ކޮޓަރީގެ 13 އެޕާޓްމަންޓް ހިމެނެއެވެ. އޭގެން ކޮންމެ އެޕާޓްމަންޓެއްގައި 656.6 އަކަފޫޓް ހުރެއެވެ.

ދެ ކޮޓަރީގެ 26 އެޕާޓްމަންޓު ހުންނައިރު އޭގެން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުގައި 865 އަކަފޫޓާއި 1084 އަކަފޫޓް ހުރެއެވެ. ތިން ކޮޓަރީގެ 52 ފްލެޓް ހުންނައިރު އޭގެން ބައެއް އެޕާޓްމަންޓުތަކުގެ ބޮޑުމިން 1082 އަކަފޫޓު އަދި 2090 އަކަފޫޓް ހުރެއެވެ. އޭގެން ކޮންމެ އެޕާޓްމަންޓެއްގައި ގެސްޓް ފާހާނާ އަކާއި ސްޓޯރޫމެއް ވެސް ހުރެއެވެ. އަދި ހަތަރު ޕެންޓް ހައުސް ހުންނައިރު އެތަންތަނުގެ ސައިޒަކީ 3468 އަކަފޫޓާއި 3492 އަކަފޫޓެވެ.
ޓެރެހެއްގެ އިތުރުން އެއިމާރާތުގެ ގޯތި ތެރޭގައި ހުސް ޖާގަ އޮންނައިރު އެއިމާރާތުގައި ދިރިއުޅޭ ކުޑަކުދިންނަށް ހާއްސަ ޕާކަކާއި ރެސިޑެންޓް ޕާކެއްވެސް ގާއިމް ކުރަން ވަނީ ނިންމާފައެވެ. އަދި 24 ގަޑިއިރު ސެކިއުރިޓީ ބަހައްޓާއިރު އައިއެސްއޯ މިންގަނޑަށް އަލިފާން ނިއްވާ އުސޫލު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ދަމާސް ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދެ މަސްތެރޭގައި އެއިމާރާތުގެ އަމަލީ މަސައްކަތް ފަށައި 2018 ވަނަ އަހަރު ނިމެންވާއިރު އެތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ. އެއިމާރާތުގައި ބޭނުންކުރާނީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަގުތައް މާކެޓުގެ އަގުތަކާއި ބޮޑު ތަފާތެއް ނޯންނާނެ!
އެޕާޓްމަންޓުތަކުގެ ސީދާ އަގުތައް ހާމަ ނުކުރާއިރު ދަމާސް ކުންފުނީގެ ޑިރެކްޓަރު އަހުމަދު ޒަޔާން ވިދާޅުވީ އެއިމާރާތްތައް ވިއްކާނީ މިހާރުވެސް މާކެޓުގައި ސްކެއާ މީޓަރެއް ވިއްކަމުން އަންނަ އަގުތަކުގައި ކަމަށެވެ. އަދި 20 ޕަސެންޓް ފައިސާ ދެއްކުމަށްފަހު ފައިނޭންސް ދޫކުރާ ފަރާތްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
އެކުންފުނީގެ އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެއިމާރާތުން އެޕާޓްމަންޓް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުން ހުޅުވާލާފައިވާއިރުވެބްސައިޓްމެދުވެރިކޮށްވެސް ފޯމް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.