ރާއްޖޭގެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި އެނބުރި ގައުމަށް ދާން ބޭނުންވަނީ އެންމެ މަދުވެގެން ޕޮއިންޓެއް ހޯދައިގެން ކަމަށް ލާއޯސް ޓީމުގެ ކޯޗު ވަލަކޮނޭ ފޮމްފަކްޑީ ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފްގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގު މެޗުގެ ކުރިން މިއަދު މެންދުރު ފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ލާއޯސް ޓީމުގެ ކޯޗު ބުނީ، އޭއެފްސީ ކަޕްގައި ކްލަބުތަކަށް ކުޅުނު ކުޅުންތެރިން ޓީމުގައި ހިމަނާފައިވާނެ ކަމަށެވެ.

"ރާއްޖެ އިން ވަނީ ބަންގްލަދޭޝް ބަލިކޮށްފައި. އަހަރެމެން ބޭނުމީ އެންމެ މަދުވެގެން ޕޮއިންޓަކާއެކު އެނބުރި ގައުމަށް ދާން. ރާއްޖެ އަކީ ވަރުގަދަ ޓީމެއް. މި މެޗު ކުޅެނީ ރާއްޖޭގައި. އެއަށްފަހު އަހަރެމެންގެ ގައުމުގައި ކުޅޭ މެޗަށް ނުކުންނާނީ ޓީމަށް ބަދަލުތަކެއް ގެނެސްގެން. އޭއެފްސީ ކަޕްގައި ކްލަބުތަކަށް ކުޅުނު ކުޅުންތެރިން އަހަރެމެންގެ ޓީމުގައި ހިމަނާފައިވާނެ،" އޭނާ ބުންޏެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ކުރިން ލާއޯސް އާއި ރާއްޖެއާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެ މެޗު 7-1 ލަނޑުގެ ބޮޑު ތަފާތަކުން ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފައެވެ. އެ ފަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ވެސް ލާއޯސް ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިހާރު ލާއޯސް ޓީމަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އެ ޓީމުގެ ކޯޗު ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެއީ މާޒީ. މާޒީއަކީ އަހަރެމެންނަށް ލަދެއް. އަހަރެމެންނަށް ތާރީހު ބަދަލުކޮށްލެވިދާނެ. ކުރީގެ ކޯޗު މިހާރު ވަނީ ޓީމު ދޫކޮށް ގޮސްފައި. އެހެންވެ އަހަރެމެންގެ މުހިންމު ކުޅުންތެރިންތަކެއް ޓީމުގައި ބަހައްޓައި އާ ޓީމެއް އެކުލަވާލާފައި ވާނެ. ގާތްގަނޑަކަށް ޓީމުގެ 70 އިންސައްތަ ކުޅުންތެރިންނަށް ބަދަލު ގެނެސްފައިވާނެ. އަހަރެމެންނަށް ރާއްޖޭގެ ޓީމު ރަނގަޅަށް އެނގޭ. މާދަމާގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަން ތައްޔާރުވީ ރާއްޖޭގެ ޓެކްޓިކްސް އާއި ފެންވަރަށް ބަލާފައި،" ލާއޯސް ޓީމުގެ ކޯޗު ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާ ބެހޭގޮތުން ކޯޗު ފޮމްފަކްޑީ ބުނީ، އެ މެޗުގައި ދެއްކި ވަރުގެ ރަނގަޅު ކުޅުމެއް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ލާއޯސްއަށް ދެއްކިދާނެ ކަމަށެވެ. މިދިޔަ މަހުގެ ފަހުކޮޅު ސައުދީގައި ކުޅުނު އެ މެޗުން ލާއޯސް ބަލިވެފައިވަނީ 4-0 ލަނޑުންނެވެ.

"އަހަރެމެން ސައުދީއާ އެކު މެޗެއް ކުޅުނިން. ސައުދީ އަކީ ރާއްޖެއާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޓީމެއް. އަހަރެމެންނަށް ސައުދީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުން. އެހެންކަމުން އެގޮތަށް އަހަރެމެންނަށް ރާއްޖެއާ ދެކޮޅަށް ވެސް ކުޅެވިދާނެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އަހަރެމެންގެ ފުޓްބޯޅަ ލީގަށް ވަނީ ކުރިއެރުންތަކެއް އައިސްފައި. އަހަރެމެންގެ ބައެއް ކްލަބުތަކަކީ ރަނގަޅު ޓީމާއަކާ އެކު ބިނާކޮށްފައިވާ ކްލަބުތަކެއް،" އޭނާ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފްގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގު މެޗަށް ލާއޯސް ނުކުންނާނީ މާދަމާ ރޭ 9:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗަށްފަހު ލާއޯސްގައި ކުޅޭ މެޗު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.