01 Jun 2011, 16:00
ބިދޭސީން ގެނައުމަށް ނަގާ ޑިޕޮސިޓް ފައިސާ މިމަހުން ފެށިގެން ކުޑަކުރާ ގޮތަށް ހިއުމަން ރިސޯސް އިން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރެފައިވާ "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވައިދު"ގައިވާ ގޮތުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދުނިޔޭގެ ކޮންމެ ގައުމަކުން ބިދޭސީން ގެނައި ކަމުގައިވިޔަސް ބަހައްޓަން ޖެހޭ އަސާސީ ޑިޕޮސިޓަކީ 4000ރ. އެވެ.
މީގެ ކުރިން އިމިގްރޭޝަނުން ކަނޑައަޅާފައި ވަނީ ބަންގްލަދޭޝްގެ މީހަކަށް 8000ރ.، ސްރީލަންކާ މީހަކަށް 4000ރ. އަދި އިންޑިއާ މީހަކަށް 35000ރ.ގެ ޑިޕޮސިޓެއް ނަގާ ގޮތަށެވެ.
އާ ގަވައިދުގައިވާ ގޮތުން އެކަކަށް ވުރެ ގިނަ ބިދޭސީން ގެންނަ ފަރާތްތަކުން ގެންނަ މީހުންނަށް އެކަކަށް ވުރެ ގިނަ ބިދޭސީއަކަށް އެ ނިސްބަތުން ފައިސާ ދައްކާކަށް ނުޖެހެ އެވެ. އެގޮތުން އެކަކަށް ވުރެ ގިނަ ބިދޭސީން އެތެރެކުރާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން އެ ގަވައިދުގެ ދަށުން ކަނޑައަޅާފައި ވަނީ، "ވަޒީފާދޭ ފަރާތުން ބިދޭސީން ގެންނަން ބޭނުންވާ އަދަދުގެ މައްޗަށް" ބިނާކޮށް ޑިޕޮސިޓެއް ބަހައްޓަން ޖެހޭ ގޮތަށެވެ.
އެ ގަވައިދާ އެއްކޮށް ނެރެފައިވާ "ޑިޕޮސިޓް ފައިސާ ނަގާ ގޮތުގެ ތާވަލު"ގައި ވާގޮތުގައި، ދޭކާއި ފަހަކާ ދޭތެރޭގެ އަދަދަކަށް ބިދޭސީން އެތެރެކުރާ ނަމަ ބަހައްޓަން ޖެހެނީ 8000ރ. އެވެ. ހައެކާއި 10ކާ ދޭތެރޭ ނަމަ ދައްކަން ޖެހެނީ 12،000ރ. އެވެ. އެގާރައާއި 20 އާ ދޭތެރޭގެ އަދަދަކަށް ބިދޭސީން ގެންނަ ނަމަ 22،000ރ. އެވެ. އެކާވީހާއި 30ހާ ދޭތެރޭގެ އަދަދަކަށް ބިދޭސީން ގެންނަ ނަމަ 42،000ރ. އެވެ. އެއްތިރީހާއި 40ހާ ދެމެދުގެ އަދަދަކަށް ބިދޭސީން ގެންނަ ނަމަ 62،000ރ. ގެ ޑިޕޮސިޓެވެ. އަދި 102،000ރ. ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެނީ 51 އާއި 70އާ ދެމެދުގެ އަދަދަކަށް ބިދޭސީން އެތެރެކުރާ ފަރާތްތަކުންނެވެ. ހަތްދިހަ އެކަކާއި 100އާ ދެމެދުގެ އަދަދަކަށް ބިދޭސީން އެތެރެކުރާ ފަރާތްތަކުން ދައްކަން ޖެހޭނީ 142،000ރ. އެވެ. އަދި ސަތޭކަ އެކަކާއި 200 އާ ދެމެދުގެ އަދަދަކަށް ބިދޭސީން ގެންނަ ނަމަ 242،400ރ. ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެ އެވެ. އަދި 201އާއި 300އާ ދޭތެރޭގެ އަދަދެއް ނަމަ ދައްކަން ޖެހެނީ 482،400ރ. އެވެ. އަދި 301އާއި 400އާ ދޭތެރޭގެ އަދަދެއް ނަމަ 722،000ރ. ގެ ޑިޕޮސިޓެކެވެ. ހަތަރުސަތޭކަ އެކަކާއި 500 މީހުންނާ ދެމެދުގެ އަދަކަށް ގެންނަ ނަމަ ދައްކަން ޖެހެނީ 561،400ރ. އެވެ. އަދި 501 އާއި 600އާ ދެމެދުގެ އަދަދަކަށް ބިދޭސީން އެތެރެކުރާ ނަމަ 701،400ރ. އެވެ. ހަސަތޭކަ އެކަކާއި 700އާ ދެމެދުގެ އަދަދަކަށް އެތެރެކުރާ ބިދޭސީންނަށް ބަހައްޓަން ޖެހެނީ ޖުމްލަ 841،400ރ. އެވެ. އަދި 701އާއި 800އާ ދެމެދުގެ އަދަދަކަށް އެތެރެކުރާ ބިދޭސީންނަށް 981،400ރ. ދައްކަން ޖެހޭއިރު 801 އާއި 900 އާ ދެމެދު އަދަދަކަށް ގެންނަ ބިދޭސީންނަށް ދައްކަން ޖެހެނީ 1121400ރ. އެވެ. އަދި 901 އާއި 1000 މީހުންނަށް 1261400ރ. އެވެ.
ހިއުމަން ރިސޯސް އިން ބުނެފައިވާ ގޮތުގައި، 1000 މީހުންނަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ހާހަކުން ޑިޕޮސިޓް ފައިސާ ނަގާ ގޮތުގެ ތާވަލުގައިވާ ގޮތުގެ މަތިން ޑިޕޮސިޓް ނެގުމުގައި އަމަލު ކުރެވޭނެ އެވެ. އަދި އެ ތާވަލު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރެވޭނެ ކަމަށާއި މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި އަސާސީ ޑިޕޮސިޓް ރޭޓަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ގޮތަށް ހަމަޖެއްސުމުން އެކަކަށް ވުރެ ގިނައިން ބިދޭސީން ގެންނަ ފަރާތްތަކުން ކޮންމެ ބިދޭސީއަކަށް ބަހައްޓަންޖެހޭ ފައިސާ އެވަނީ މަދުވެފަ އެވެ. އެގޮތުން ކުރިން ލަންކާއިން 45 ބިދޭސީން ގެންނަން (ބޮލަކަށް 4000ރ.ގެ މަގުން) 180،000ރ. ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ. ނަމަވެސް، އާ ގަވައިދު ބުނާ ގޮތުން އެ އަދަދަށް ބިދޭސީން އެތެކުރަން ދައްކަން ޖެހޭނީ 82،000ރ އެވެ. އެއީ ބޮލަކަށް ގާތްގަނޑަކަށް 1822ރ. އެވެ.
ހިއުމަން ރިސޯސްގެ ގަވައިދުގައި ބުނަނީ، "ޑިޕޮސިޓްގެ މިންވަރު ބިނާކުރެވެނީ ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީ މީހާގެ ގައުމަށް ވައިގެ މަގުން ދިޔުމަށް އެއްކޮޅު ޓިކެޓަށް ހަރަދުވާ ފައިސާގެ މައްޗަށާއި އަދި ރާއްޖެ ގެނެވޭ ބިދޭސީއަކާ ގުޅިގެން ސަރުކާރުން ކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭ ތަފާތު ހަރަދު ތަކުގެ މައްޗަށް" ކަމަށެވެ.
އެ ގަވައިދަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެގަވައިދުގެ ދަށުން ޑިޕޮސިޓް ފައިސާއާއި ވޯކް ވީޒާ ފީ ހިއުމަން ރިސޯސް އިން އަލުން ބަލައިގަންނަން ފަށާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން، ކޯޓާ ހޯދުމަކާ ނުލައި ގޭތެރޭގެ އެކިއެކި މަސައްކަތަށް ބިދޭސީން ގެންނަން ހުއްދަ ދޭ ގޮތަށް ވެސް އެ ގަވައިދުން ފުރުސަތުދެ އެވެ.
އެ ގަވައިދުގެ ދެވަނަ މާއްދާގައިވާ ގޮތުން ތިން ދާއިރާއަކަށް ގެންނަ ބިދޭސީންނަށް ކޯޓާ ހޯދާކަށް ނުޖެހެ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނާއި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުން އަދި ގެވެށި މަސައްކަތްތަކަށް ނުވަތަ ގޭތެރޭގެ އެކިއެކި މަސައްކަތްތަކަށް ގެންނަ ބިދޭސީންނެވެ. އެގޮތުން ކޯޓާއާ ނުލައި ބިދޭސީން ގެނެވެނީ ކޮންމެ ގޭބިސީއަކަށް އެއް ޑޮމެސްޓިކް ސާވަންޓް ނުވަތަ އެގޭގައި ދިރިއުޅޭ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދެއް ދުއްވަން އެއް ޑްރައިވަރު އަދި ގޭބިސީގެ ވެރިފަރާތުގެ ބަލަދުވެރިކަމުގެ ދަށުގައިވާ ބަލި މީހަކު ބެލުމަށް އެހީތެރިވާނެ އެޓެންޑެންޓަކަށެވެ.
އެ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތައް ރާއްޖޭގައި އެއްވެސް މަސައްކަތެއްކުރުވައިފި ނަމަ ގަވައިދާ ހިލާފަށް ގެންގުޅޭ ކޮންމެ ބިދޭސީއަކަށް، ގަވައިދާ ހިލާފުވާ ފުރަތަމަ ފަހަރު 1000ރ. އިން ޖޫރިމަނާކޮށް އަދި ތަކުރާރުވާ ކޮންމެ ފަހަރު ކޮންމެ ބިދޭސީއަކަށް 5000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.