05 Sep 2016, 13:42
މި އަހަރުގެ އަޟްހާ އީދާއި ގުޅިގެން އެތައް ބަޔަކު ދަތުރުތައް ކުރަން ނިންމާފައިވާ އިރު އެދުވަސްވަރުގެ ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓުރޮލޮޖީ ސާވިސް(މެޓް) އިން ބުނެފި އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން އީދު ބަންދު ފެށޭއިރު މެޓް އޮފީހުން މިއަދު ބުނީ ހުކުރާއި ހޮނިހިރު ދުވަހު ވެސް ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ހިސާބުތަކަށް ކަނޑު ގަދަވާނެ ކަމަށެވެ. ދެކުނުގެ ހިސާބްތަކަށް އާދައިގެ ވަރަކަށް ރަނގަޅު ވާނެ ކަމަށް ބުނެ އެވެ.
އެ ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ވައިޖެހޭނެ ކަމަށް ލަފާ ކުރަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު ހަތް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެ އެވެ.
މިހާތަނަށް މޫސުން ލަފާކޮށްފައި ވަނީ އަންނަ ހޮނިހިރުގެ ނިޔަލަށެވެ.
އީދު ބަންދާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަތުރުތައް ކުރާތީ ފުލުހުންނާއި ސިފައިން މިހާރު ދަނީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޓަކައި އުޅަނދުތައް ޗެކް ކުރަމުންނެވެ.