ޕާޓީގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު އިހުތިޔާރު ކުރަނީ ޕާޓީގެ އާންމު މެމްބަރުން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަދާލަތު ޕާޓީގެ ރައީސަކު ހިޔާރުކުރުމުގެ ފުރިހަމަ ބާރު ލިބިގެން ވަނީ އެޕާޓީގެ އާންމު މެމްބަރުންނަށް ކަމަށާއި އެކަމަށް އިހުތިރާމު ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައި ކަމަށެވެ.

އަދާލަތު ޕާޓީން އެހެން ބުނެފައި ވަނީ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީގައި ރައީސަކު ނުހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނިކޮށެވެ.

އަމިއްލަ ފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެކޮމިޝަނުން ބުނެފައި ވަނީ އެ ދެ ޕާޓީގެ ރައީސް ކަމުގައި ތިބި ބޭފުޅުން ޖަލު ހުކުން ތަންފީޒު ކުރަމުން ދާތީ އެ ދެ ޕާޓީގައި ރައީސަކު ނުހުންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ޖިނާއީ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. އެބޭފުޅަކު ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ނަމަވެސް ޕާޓީގެ މެމްބަރު ކަމެއް ނުގެއްލޭނެ ކަމަށް ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނެވި އިމްރާން އަބްދުﷲ ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުގެ ސަބަބުން 12 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އިނގިރޭސި ހިމާޔަތުގެ ދަށުން ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.