05 Sep 2016, 13:39
ހަރާރޭ (ސެޕްޓެމްބަރު 5): ޒިމްބާބުވޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ހުއްދަދޭ ފަނޑިޔާރުންނަށް އެ ގައުމުގެ ރައީސް ރޮބާޓް މުގާބޭ ފާޑު ވިދާޅުވެއްޖެ އެވެ.
ޒިމްބާބުވޭގެ އިގުތިސާދު ހީނަރުވަމުން ދިޔުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒަހަރާތަކަށް އިޝާރަތް ކުރައްވައި މުގާބޭ ވިދާޅުވީ، އެމުޒާހަރާތަކަށް ހުއްދަ ދިނުމަކީ ގައުމުގެ ސުލްހައަށް އިހުމާލުވުން ކަމަށެވެ. އަދި އެފަދަ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯޓުތަކާއި، ޝަރުއީ ނިޒާމާއި ފަނޑިޔާރުން ވާން ޖެހެނީ އާއްމުންނަށް ވުރެ ބޮޑަށް ކަންތައްތައް ވިސްނޭ ބަޔަކަށް. އަދި ބަޔަކު މުޒާހަރާ ކުރަން އެދުމުން އެއާ ބެހޭ ގޮތުން ނިންމުމެއް ނިންމުމުގައި އެމީހުން ފަރުވާ ކުޑަކޮށްގެން ނުވާނެ،" މުގާބޭ ވިދާޅުވި އެވެ.
މުގާބޭގެ ފާޑު ކިޔުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މަސައްކަތް ކުރައް ވަނީ ޝަރުއީ ނިޒާމަށް ބިރު ދައްކަވަން ކަމަށް ތުހުމަތުކޮށްފަ އެވެ.
ޒިމްބާބުވޭގައި ކުރިއަށްދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ސަރުކާރުން ވަނީ ވެރިރަށް ހަރާރޭގައި މުޒާހަރާ ކުރުން އެއް ހަފްތާ ވަންދެން މަނާކޮށްފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އެމައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފަ އެވެ.
ރައީސް މުގާބޭ ތުހުމަތު ކުރައްވާ ގޮތުގައި ޒިމްބާބުވޭގައި ކުރިއަށްދާ މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކެވެ. (ބީބީސީ)