ތުނބުޅިއާ މަތިމަސް އަދި ފަޓްލޫނުގެ ފައިކުރި ބަހައްޓަންވީ ގޮތް ކަނޑައަޅަައި އިމިގްރޭޝަންގެ މުވައްޒަފުން އަމަލު ކުރަން ލާޒިމު ކުރި އުސޫލާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލުގައިވާ ގޮތުން ފިރިހެން މުވައްޒަފުންގެ ތުނބުޅީގެ އިސްތަށި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ކުރުކޮށެވެ. އަދި ބޯވެސް ކުރުކޮށް ކޮށާފައި ހުންނަށް ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފަޓްލޫނުގެ ފައިކުރި ކުރުކޮށް ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ އުސޫލާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ދެކެނީ ކިހިންތޯ ނޫސްވެރިއަކު އިސްލާމިކް މިނިސްޓަރާ ސުވާލު ކުރުމުން ވިދާޅުވީ އެ އުސޫލާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު އިސްލާމިކް މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅި އެވެ.

ޒިޔާދު ބާގިރު ވިދާޅުވީ އިވެނީ މީޑިއާގައި ދެކެވޭ ވާހަކަ ކަމަށާއި، "މީޑިއާގައި ދެކެވޭ ވާހަކައަކީ ބައެއް ފަހަރު އޭގެ ތެދު ދޮގު ބަލަން ޖެހޭ" ވާހަކަތައް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި އެއްވެސް ރަސްމީ ފަރާތަކުން ނެތް ތިޔަ މައްސަލަ ހުށަހަޅާފައެއް،" މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

އިމިގްރޭޝަނުން ރަސްމީ ބަޔާނެއް ނެރިފައިވާ ކަމަށް ބުނެ ނޫސްވެރިޔަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ "ތިޔަ ބުނާ ބަޔާނެތް އަދި ނުފެނޭ" ކަމަށެވެ.

އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލަށް އަމަލު ނުކުރި މުވައްޒަފުންނަށް އެތަނުން ނޯޓިސް ފޮނުވުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑާ ހިލާފުވެގެން ވަޒީފާ އިން ވަކިކުރާ މައްސަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ. އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ އިދާރާގައި ހަދާފައިވާ ހުރިހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ބޯލަނބާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުންތަކަކަށް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ދީފައިވާނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެހެން އިދާރާއަކުން ދޭ ވަޒީފާއަކީ އިމިގްރޭޝަނުން ދެމުން އައި މުސާރަ އާއި އިނާޔަތް ހަމަ އެވަރަށް ދޭނެ ތަނެއްކަން ޔަގީން ނުވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ޔުނިފޯމު މިންގަނޑާ ހިލާފުވި މުވައްޒަފުންނަށް ނޯޓިސް ދީފައިވާ އެކެއް އޮކްޓޫބަރާ ހަމައަށް އެހެން ވަޒީފާއެއް ހޯދުމަށް ބުނެ އެވެ. އަދި އެ ދުވަހާ ހަމައަށް މުސާރަ ލިބޭނެ ކަމަށް ފޮނުވާފައިވާ ނޯޓިސްގައިވެ އެވެ. ނަމަވެސް ނޯޓިސް ލިބޭ ވަގުތުން ފެށިގެން ވެސް ވަޒީފާއަށް ނުނިކުތުމަށް އިމިގްރޭޝަނުން ވަނީ އަންގާފަ އެވެ.

އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.