05 Sep 2016, 12:40
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ފްރެންޗައިޒް ޝޯވް،މޯލްޑިވިއަން އައިޑަލްގެެ ދެ ވަނަ ސީޒަންގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި އީވޯ ހަމަޖައްސައި ޕީއެސްއެމްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު އަދި ވެސް ކޯ ސްޕޮންސަރުންނަށް ފުރުސަތު އޮތް ކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.
މިއަދު ޓީވީއެމްގެ ސުޓޫޑިއޯ އެކެއްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އީވޯގެ ފަރާތުން ކޯ ސްޕޮންސަރުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އީވޯގެ ޖެނެރަލް މެނޭޖަރު މުހުތާރު ސައީދު އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ޝާޔާން ރަޝީދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން މުހުތާރު ވިދާޅުވީ އީވޯ އިން މޯލްޑިވިއަން އައިޑޮލްގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވީ އާންމުންގެ މަގުބޫލު ޝޯއަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އޭގެ އިތުރުން އީވީގެ ޕްރޮޑަކްޓްސްތައް ޝޮ މެދުވެރިކޮށް އާންމުންނަށް ދައްކާލުމަކީ ވެސް ބޭޏުމެއް ކަމަށް މުހުތާރު ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން ޓޫގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރު 12:00 އާ ހަމައަށެވެ. އެ ފުރުސަތުގައި އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.
ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ހަރަދުކުރި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ޝޯވްއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ އިރު، ފުރަތަމަ މުބާރާތުގައި ރާއްޖޭގެ ފަސް ސަރަހައްދަކުން އޮޑިޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އޮޑިޝަންތަކުގައި ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން ލަވަކިޔާފައިވެ އެވެ.
ނަމަވެސް މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ އޮޑިޝަންތައް ބާއްވާނެ ސަރަހައްދުތަކާއި ތާރީހުތައް އަލި އިއުލާން ކޮށްފައެއް ނުވެ އެވެ. އަދި ސީޒަން ދޭކަށް ބޭނުންވާ ޖަޖުންނާއި ޕްރެޒެންޓަރުން ހޮވުމަށް ޓަކައި އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އަވަސް ތާރީހެއްގައި ފުރުސަތު ހުޅުވާލާނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.
މީގެ އިތުރުން، ސީޒަން ދޭކަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްއެމްގެ ޓީމެއް މިފަހަރު ވެސް އިންޑިއާ އަށް ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކުރަން ހަމަޖެހިފައިވާ އިރު، ސީޒަން އެކަކާ އެއްގޮތަށް ފްރެމެންޓަލް މީޑިއާގެ ފަރާތުން ފަންނީ މީހުން ރާއްޖެ އައިސް ހާއްސަ ޓްރެއިނިންތަކާއި ކޮންސަލްޓެންސީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން މައުލޫމާތުދެ އެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން 2ގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، އެސްޓީއޯ އަދި ލޮޓަސް ފިހާރަ ހަމަޖައްސާފައިވާ އިރު ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ޝޯގެ އެއްވަނަ ހޯދައި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ހޯދާފައި ވަނީ ލައިޝާ ޖުނެއިދެވެ.