ފ. ބިލެއްދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތާއި އައު ނެރެއް ހެދުމުގެ މަސައްކަތް 160 ދުވަހުގެ ތެރޭގައި ނިންމުމަށް 10.22 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަޙުމަދު ކުރިކް ރިޒާ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެއްބަސްވުމަށް ފަހު މުއިއްޒު ވިދާޅުވީ ބިލެއްދޫގެ ބަނދަރާއި ނެރު ހަދާފައި އޮތްގޮތުން ބަނދަރުގެ ބޭނުން ހިފުމަކީ ރައްޔިތުންނަށް ދަތިކަމަކަށް ވެފައިވާ ކަމަށެވެ. އަދި އެ ގޮތަށް ދިމާވަނީ ޖިއޮގްރަފިކަލް ގޮތުން ރަށް އޮންނަ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފ. ބިލެއްދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތާއި އައު ނެރެއް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"[ބިލެއްދޫ] ބަނދަރަކީ އެއްވެސް ގޮތަކަށް ބޭނުންހިފޭ ބަނދަރަކަށް ނުވާތީ ރައްޔިތުންގެ އެދުމާ އެކީގައި ސަރުކާރުން މިވަނީ މިހާރު ރައްޔިތުން އެދޭ ގޮތަށް މިހާރުގެ ނެރުގެ ބަދަލުގައި އައު ނެރެއް ހަދައި އަދި ބޭރުތޮށީގެ މަސައްކަތް ވެސް މިއާ ގުޅިގެން ނިންމާ މިމަސައްކަތް ވެސް ހަވާލުކުރެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން 68 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމަށް ހަމަޖެހިފައިވާ އިރު، ބަނދަރަށް ވަދެނިކުތުމަށް ހަދާ ނެރުގެ ފުޅާމިނުގައި 24 މީޓަރު ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.