ސޯލް (ސެޕްޓެމްބަރު 5): އުތުރު ކޮރެއާ އިން ތިން ބެލިސްޓިކް މިސައިލް ލޯންޗުކޮށްފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ބުނި ގޮތުގައި އެމިސައިލްތައް ލޯންޗުކޮށްފައި ވަނީ އުތުރު ކޮރެއާގެ ހުވަންގްޖޫ ސަރަހައްދުން އެގައުމުގެ އިރުމަތީ ކަނޑަށެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ މިސައިލެއް ކަމެއް އަދި މިސައިލް ދަތުރުކޮށްފައިވާ ދުރުމިން ނޭނގޭ ކަމަށް ދެކުނު ކޮރެއާއިން ބުންޏެވެ.

އުތުރު ކޮރެއާ އިން ބެލިސްޓިކް އަދި ނިއުކްލިއާ ޓެކްނޮލޮޖީ ތަޖުރިބާ ކުރުން ޔޫއެން އިން މަނާކޮށްފައިވީ ނަމަވެސް އެގައުމުން ވަނީ ގާތްގަނޑަކަށް ހަތަރު ފަހަރެއްގެ މަތިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

އަދި މީގެ ދެ ހަފްތާ ކުރިން އުތުރު ކޮރެއާ އިން ވަނީ ސަބްމެރިންއަކުން ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފަ އެވެ. އެމިސައިލަކީ އެގައުމުން ލޯންޗުކުރި އެންމެ ކާމިޔާބު ސަބްމެރިން ބެލިސްޓިކް މިސައިލް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. (ބީބީސީ)