05 Sep 2016, 12:17
ލޯނުގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިން އަށް ދޫކޮށްލުމުގެ ކުރިން އާސެނަލުން އިތުރު ފުރުސަތެއް ހައްގު ކަމަށް ޖޯލް ކޭމްޕްބެލް ބުނެފިއެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ލޯނުގެ ދަށުން ސްޕޯޓިން އަށް ކޭމްޕްބެލް ދޫކޮށްލައިފަ އެވެ. އެހެންކަމުން މުޅި ސީޒަނުގައި އޭނާ ފެނިގެންދާނެ ސްޕޯޓިންގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.
"މިއީ އަހަރެން ކުރަންޖެހޭ ތަފާތު ތަޖުރިބާއަކަށް ވާނެ. މިދިޔަ އަހަރު އަހަރެން ދެއްކި ކުޅުމަށް ބަލާފައި އަހަރެންނަށް ޓީމުން އިތުރު ފުރުސަތެއް ދިނުން ހައްގު. އެކަމަކު މިހާރު މިއީ މުޅިން ތަފާތު ފަންތިއެއް،"އޭ ބޮލާއަށް ދިން އިންޓަވިއުއެއްގައި ކޭމްޕްބެލް ބުންޏެވެ.
އުމުރުން 24 އަހަރުގެ ކޮސްޓަ ރިކާ ފޯވަޑް ކޭމްޕްބަލް ވަނީ ލޯނުގެ ދަށުން އޮލިމްޕިއާކޯސް އާއި ވިޔަރެއާލްގައި ހޭދަކުރި ދުވަސްތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އާސެނަލް ޓީމަށް ކުޅުމަށް އޭނާ އަށް ލިބިފައިވަނީ މަދު ފުރުސަތެކެވެ.