01 Jun 2011, 17:31
ލޯކަލް ކައުންސިލްތަކުގެ މަސައްކަތް ވިލަރެސްކުރުމަށް ގާއިމްކުރަން ޖެހޭ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެމްބަރުން ހޮވުން މާދަމާ ބާއްވާ އިރު އަތޮޅު ކައުންސިލްތަކުން 17 ކައުންސިލަރަކު ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފަވާ ކަމަށް އެލްޖީއޭ އިން ބުނެފި އެވެ.
އެލްޖީއޭގެ ސީނިއަ އެޑްމިނިސްޓްރޭޓާ އާދަމް ޝަރީފް މިއަދު ވިދާޅުވީ މި މަހު 9 ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މެމްބަރުންގެ ނަންތައް ތަރުތީބުކުރުން މާދަމާ 11 ޖަހާއިރު އޮންނާނެ ކަމަށެވެ.
އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު ތިން ސަރަހައްދަކުން ވަނީ މެމްބަރުން ނެގުމަށް އިއުލާން ކޮށްފަ އެވެ.
އެލްޖީއޭގައި ހިމެނޭ ހަތަރު މެމްބަރުން ހޮވުމަށްޓަކައި ރާއްޖޭގެ 18 އަތޮޅު ހަތަރު ސަރަހައްދަކަށް ބަހާލައިފައިވާ އިރު އޭގެން ކޮންމެ ސަރަހައްދަކުން ވެސް އިންތިޚާބު ކުރާނީ އެންމެ މެމްބަރެކެވެ.
ހަތަރު ސަރަހައްދު ބަހާލާފައި ވަނީ ހއ، އަތޮޅާއި ހދ، އަދި ށ، ހިމެނޭ ދާއިރާ އާއި ނ، އަތޮޅާއި ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ދާއިރާ އާއި ކ، އަތޮޅާއި އއ، އދ، ވ، މ، ފ، ދ، އަދި ތ. އަތޮޅު ހިމެނޭ ދާއިރާގެ އިތުރުން ލ، އަތޮޅާއި ގއ، ގދ، އަދި ޏ. އަތޮޅު ހިމެނޭ ދާއިރާ އެވެ.
މިއިންތިޚާބުގެ ވޯޓުލުން ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި އޮންނަ އިރު ވޯޓު ލައްވާނީ އަތޮޅު ކައުންސިލަރުންނެވެ.
އަތޮޅު ކައުންސިލްތަކުގެ ކޮންމެ މެމްބަރަކަށް ވެސް، އެ އަތޮޅެއް ހިމެނޭ ދާއިރާއަކުން އެލްޖީއޭގެ މެމްބަރަކަށް ކުރިމަތިލެއްވުމުގެ ހައްގު ލިބިގެންވާ އިރު ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް ހިންގާނީ އެލްޖީއޭ އިން އެކުލަވައިލާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.