05 Sep 2016, 11:10
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގަތީ ވެސް ރިޕޯޓުތަކާ ކުރިމަތިލައްވައިގެން ކަމަށާއި އެމަނިކުފާނާ ގުޅޭގޮތުން ރިޕޯޓެއް ނެރުމަކީ އާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން އާމިރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން 800 މިލިއަން ޑޮލަރެއްގެ ވާހަކަވެސް ދެއްކި ކަމަށާއި ނަމަވެސް އެ މައްސަލަ ބެލިއިރު ހޯދުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"އެންމެ ބޮޑަށް ތިބޭފުޅުންނަށް އަޑުއިވިގެންދާނެ 800 މިލިއަން ޑޮލަރެއްގެ ވާހަކަ. އާ ކަމެއް ނޫން. އެ މަޖިލީހެއްގައި އަޅުގަނޑު ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ވެސް ވަރަށް ފުޅާދާއިރާއެއްގައި ބަލައި މަސައްކަތްކޮށް އެ މުއައްސަސާގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނާ ބެހޭގޮތުން އެކަންކަން ވަނީ ކުރައްވާފައި. އެހެންނަމަވެސް ހޯދުނު އެއްވެސް އެއްޗެއް ނެތް،" އާމިރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރާ ގުޅޭގޮތުން އަލްޖަޒީރާ އިން ނެރެން އުޅޭ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން އޭނާ ކަންބޮޑުވަނީ ދޮގު ވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދިގެން މިގައުމަށް ގެއްލުން ލިބިދާނެތީ ކަމަށް އާމިރު ވިދާޅުވިއެވެ.
އެފަދަ ޑޮކިއުމެންޓްރީ ހެދުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ކުރެވޭނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެފަދަ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިއްޔެ ވިދާޅުވީ، އެ ޑޮކިއުމެންޓްރީއަށް އެއްވެސް މީހަކު ދޮގު މައުލޫމާތެއް ދީފައިވާނަމަ އެމީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޑޮކިއުމެންޓްރީ ދައްކަން މީގެކުރިން ހަމަޖެއްސި ދުވަސްތަކުގައި އެ ޑޮކިއުމެންޓްރީ ދައްކާފައެއްނުވެއެވެ. މިހާރު އެ ޑޮކިއުމެންޓްރީ ދައްކަން ތާވަލްކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ.