މޫސަލް(ސެޕްޓެމްބަރު 5): އިރާގުގެ މޫސަލްގައި ގޮވާ ތަކެތި ފޮރުވާފައިވާ ގެއަކަށް ސިފައިން ވަދެ އުޅެނިކޮށް ބޮމެއް ގޮވުމުގެ ސަބަބުން 18 މީހަކު މަރުވެއްޖެއެވެ.

މޫސަލްގެ ދެކުނުގައި އޮންނަ އަލް އައުސާޖާ އަވަށުގައި ހިނގި އެހާދިސާގައި މަރުވެފައި ވަނީ 10 ސިފައިންނާއި އާއްމުންގެ އަށް މީހުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަލް ޖަބޫރީ ވިދާޅުވި ގޮތުގައި އެ ހަމަލާގައި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވެ އެވެ.

އެގޭގައި ބޮން ހަރު ކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ލަފާ ކުރެވޭ އިރު ބޮން ގޮވީ ސިފައިން އެގެއަށް ވަދެ އުޅެނިކޮށް ކަމަށް އޮފިޝަލުން ބުންޏެވެ.

އައިއެސް އިން މޫސަލްއަށް ވެރިވެ، އެއީ އިރާގުގައި ހުންނަ އެ ޖަމާއަތުގެ މައި އިދާރާ ކަމަށް އިއުލާން ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އިރާގުގެ އަސްކަރިއްޔާއިން ދަނީ މޫސަލްއިން އައިއެސް ފޮނުވާލުމަށް އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަށް ގިނަ ހަމަލާތައް ދެމުންނެވެ. (ޕްރެސްޓީވީ)