ރީބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ އެއްގޮތަށް ލައިސަންސް ހޯދައިގެން ހިދުމަތް ދިނުމަށް ބައެއް ރިސޯޓު ތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އެ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ހިލާފަށް ބައެއް ފަރާތްތަކުން ލައިސަންސް ނެތި ރީބްރޯޑްކާސްޓިންގެ ހިދުމަތް ދެމުންދާތީ އެގޮތަށް އެކަން ނުކުރުމަށް އެފަރާތްތަކަށް އެންގުމަށް ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.

ލައިސެންސް ނެތި ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ބައެއް ޓޫރިސްޓް ރިސޯޓުތަކަށާއި، އެ ރިސޯޓުތަކުގައި އެ ހިދުމަތް ދެމުންދާ ފަރާތްތަކަށް ކޮމިޝަނުން ފޮނުވި ސިޓީތަކުގައި ގާނޫނު ނަމްބަރ 2010/16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީ) ހިދުމަތެއް ދޭންވާނީ ކޮމިޝަނުން ހޯދާ ލައިސަންސެއްގެ ދަށުން ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޓޫރިސްޓު ރިސޯޓުތަކުގައި ދޭ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަކީވެސް އެ ހިދުމަތް ދިނުމަށް ލައިސަންސް ހޯދަން ޖެހޭ ކަމެއް ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ ކޮމިޝަނުން ބައެއް ރިސޯޓުތަކަށް ފޮނުވި ސިޓީގައި ރީބްރޯޑްކާސްޓިންގެ ހިދުމަތް ރިސޯޓުތަކުގައި ދޭންޖެހޭނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22ވަނަ މާއްދާގެ (ހ) އާއި 25ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޝަނުން ލައިސަންސް ހޯދައިގެން ނުވަތަ ރީބްރޯޑްކާސްޓިންގ ލައިސަންސެއް ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ކަމުގައިވެސް ބުނެފައިވެ އެވެ.