05 Sep 2016, 11:14
ރާއްޖޭގެ ކްރެޑިޓު ރޭޓިންގް ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ޚަރަދާއި ދަރަނީގެ މިންވަރު ރަނގަޅުކޮށް، މުއައްސަސާތައް ހަރުދަނާ ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއިން ބުނެފިއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ފުރަތަމަ ފަހަރަށް ޝާއިޢު ކޮށްފައިވާ އިރު، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމެރިކާގެ މޫޑީޒް އިންވެސްޓާސް ސާވިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގްއަކީ ބީ2 (B2) ރޭޓިންގް އެވެ. މި ރޭޓިންގްގެ ލަފްޒީ މާނައަކީ، އިންވެސްޓު ކުރުމުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އެގައުމެއްގައި އޮންނާނެ ކަމެވެ.
ރާއްޖެއަށް ރޭޓިންގް ކަނޑައެޅުމަށް ބަލާފައިވާ ކަންތަކަކީ އިގްތިސާދީ ހާލަތާއި، މުއައްސަސާތަކުގެ ހަރުދަނާކަން ހުރި މިންވަރާއި، ދައުލަތުގެ ޚަރަދާއި ދަރަނި ހުރި މިންވަރާއި، ރާއްޖޭގެ އެތެރޭގެ ހަމަޖެހުމެވެ.
ސީއެމްޑީއޭއިން ބުނީ، މިހާރުގެ ރޭޓިންގް ދަމަހައްޓައި، ރޭޓިންގް އިތުރަށް ދެމެހެއްޓުމަށް އިސްކަން ދީގެން، ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ސީއެމްޑީއޭއިން ބުނީ، ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ އިންވެސްޓަރުންނަށް ވެސް އިންވެސްޓު ކުރެވޭނެ ފަދަ ބޮންޑު މާކެޓެއް ތަރައްގީކުރުމަކީ ސީއެމްޑީއޭގެ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، ކްރެޑިޓް ރޭޓިންގް ޝާއިއުކުރުމަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ލިބިގެން ދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ.
މީގެ ކުރިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިއު ކޮށްފައި ނުވާ އިރު ރާއްޖޭގައި އިގްތިސާދީ ހާލަތު ރަނގަޅަށް ނޭނގުމުގެ ސަބަބުން އިންވެސްޓް ނުކޮށް ބައެއް ފަރާތްތަކުން ތިބޭނެ ކަމަށް ބެލެވޭ އިރު، ކްރެޑިޓް ރޭޓިންގް ހެދުމުން އެފަރާތްތަކަށް ލިބޭނީ މި މައުލޫމާތުގެ ޔަގީންކަމެކެވެ. އެހެންކަމުން މައުލޫމާތު ޔަގީންކަމާ އެކު ދެނެހުރެ، ރާއްޖޭގައި އިންވެސްޓު ކުރާނެ އިތުރު ފަރާތްތައް އައުމަކީ ވުން ވަރަށް ގާތް ކަމެއް ކަމަށް "ސަން" އާ ވާހަކަ ދެއްކެވި ބައެއް އިގްތިސާދީ މާހިރުން ވިދާޅުވިއެވެ.