ހޮންކޮން(ސެޕްޓެމްބަރު 5): ހޮންކޮންގެ އުސް އިމާރާތްތަކުގެ ކުޑަދޮރުތައް ބޭރުން ސާފު ކުރަން، ގޭގައި މަސައްކަތް ކުރާ މީހުންނާ ހަވާލުކުރުން މަނާ ކުރުމަށް ގޮވާލައި ހޮންކޮންގެ މެއިޑުންތަކެއް މުޒާހަރާކޮށްފި އެވެ.

އުސް އިމާރާތްތަކުގެ ކުޑަދޮރު ސާފު ކުރަނިކޮށް ވެއްޓި ގިނަ އަދަދެއްގެ މެއިޑުން މަރުވުންދާ ހާދިސާތަކާ ގުޅިގެން ބޭއްވި އެ މުޒާހަރާގައި މެއިޑުން ވަނީ އެމީހުންގެ މުސާރަ ބޮޑު ކޮށްދިނުމަށާއި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަނޑައަޅައި ދިނުމަށްވެސް ގޮވާލައިފައެވެ.

"އުސް އިމާރާތްތަކުގެ ކުޑަ ދޮރުތައް ބޭރުން ސާފު ކުރުމަކީ ގޭގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތެއް ނޫން. އެއީ އެ އިމާރާތެއްގެ މެނޭޖްމެންޓުން ބަލަހައްޓަން ޖެހޭ ކަމެއް. އެފަދަ މަސައްކަތް ކުރުމަށް ހާއްސަ އާލަތްތަކާއި ތަމްރީނު ބޭނުންވޭ،" އޭޝިއަން މައިގްރެންޓްސް ކޯޑިނޭޓިން ބޮޑީގެ ތަރުޖަމާނު، އީމާން ވިލަނުއޭވާ ވިދާޅުވި އެވެ.

މިއަހަރު ތެރޭގައި ހޮންކޮންގެ ގެތަކުގައި މަސައްކަތް ކުރާ ފަސް މީހަކު ވަނީ މަސައްކަތް ކުރަނިކޮށް ދިމާވި ހާދިސާތަކުގެ ސަބަބުން ނުވަތަ އަމިއްލައަށް މަރުވެފައެވެ. (ބީބީސީ)