ޓްރިޕޮލީ : ލީބިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ޤައްޒާފީ، ވެރިކަމުން ފާބައިވަޑައިގަތުމުގެ ސްޓްރެޓެޖީ އަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށް ލީބިޔާއަށް ވަޑައިގެންނެވި ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާގެ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުކުމެފައިނުވާ ކަމަށް ޒޫމާ ވިދާޅުވެއްޖެ އެވެ.

ޒޫމާއާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި ލީބިޔާގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވެރިކަން ދޫކޮށްލައްވުމަށްފަހު އާއިލާއާއެކު ޤައުމުން ބޭރަށް ވަޑައިގަތުމަށް ގައްޒާފީ އެއްބަސްވެވަޑައެއް ނުގެންނެވި އެވެ. ގައްޒާފީ ބޭނުންފުޅުވަނީ އެތެރެއާއި ބޭރުން ކުރިމަތިވެފައިވާ ފިއްތުންތަކާއެކުވެސް އެންމެ ފަހުވަގުތާ ހަމައަށް ވެރިކަމުގައި ދެމިހުންނެވުމަށް ކަމަށް ޒޫމާ ވިދާޅުވި އެވެ. އެ މައްސަލާގައި ލީބިޔާއަށް ވަޑައިގެން ގައްޒާފީއާ މަޝްވަރާ ކުރެއްވުމަށްފަހު ޒޫމާ މިހާރު ވަނީ ލީބިޔާއިން ފުރާވަޑައިގެންފަ އެވެ.

ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން ބުނަނީ ގައްޒާފީ ވެރިކަމުން ފޭބުމަށްފަހު އޭނާއާއި އޭނާގެ އާއިލާ ލީބިޔާއިން ބޭރަށް ފުރުން ޝަރުތު ނުކުރާ ސުލްޙައިގެ ކޮންމެ ހުށަހެޅުމަކާ ދެކޮޅު ހަދާނެކަމުގަ އެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ދަށުންނޫނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށްވެސް އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ އަބްދުލްޖަލީލު ވިދާޅުވި އެވެ. (އަލްޖަޒީރާ)