ވޯލްޑް ކަޕް ކޮލިފައިންގައި ތޯމަސް މުލާގެ ދެ ލަނޑާއެކު ނޯވޭ އަތުން ފަސޭހަކަމާއެކު ދުނިޔޭގެ ޗެމްޕިއަން ޖަރުމަން މޮޅުވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން ބުރުގެ ޔޫރަޕް ބައްރުގެ 'ގްރޫޕް ސީ'ގައި ރޭ ކުޅުނު މެޗުގައި ނޯވޭ އަތުން ޖަރުމަން މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 15 ވަނަ މިނެޓުގައި ރަށުން ބޭރުގައި ކުޅެމުންދިޔަ ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނޯވޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުލާ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ ކޮޅަށް ޖަރުމަނުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ކިމިޗް އުފާފާޅުކުރަނީ: އެ މެޗުން ޖަރުމަން މޮޅުވީ 3-0 ލަނޑުން --- ފޮޓޯ: އޭޕީ

އޭގެ އަށް މިނެޓް ފަހުން ނޯވޭ އަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޖޯޝުއާ ކިންގް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭރު އޭނާ އަށް އިތުރު ކުޅުންތެރިއެއްގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ބޭނުންވީ ޖަރުމަނުގެ ގޯލަށް ހަމަލާއެއް އުފެއްދުމަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މުލާ ދިން ބޯޅައަކުން ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗް އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވީ ނޯވޭގެ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޖަރުމަން ކުރީގައި އޮވެގެންނެވެ.

މެޗުގައި ޖަރުމަނުން ޖެހި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ސަމީ ކެޑީރާ ނަގައިދިން ހުރަހަކުން ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މުލާ އެވެ. ކެޑީރާ އަށް ހުރަސް ނެގުމަށް ބޯޅަ ލިބުނީ ޖަރުމަނުން 50 ޕާސް ފުރިހަމަކޮށްފައި ވަނިކޮށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މަލްޓާ އަތުން މޮޅުވި މެޗަށްފަހު ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ސްކޮޓްލެންޑް މޮޅުވީ 5-1 ލަނޑުން --- ފޮޓޯ: ރޮއިޓާސް

ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް ސީ'ގައި ޗެކް ރިޕަބްލިކާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 'ގްރޫޕް އީ'ގައި ރުމޭނިއާ އާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ރުމޭނިއާގައި ކުޅުނު އެ މެޗުގައި ދެ ޓީމުން ޖެހި ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ.

'ގްރޫޕް އެފް'ގައި ރޭ މަލްޓާ އަތުން ފަސޭހަކަމާއެކު ސްކޮޓްލެންޑް ވަނީ 5-1 ލަނޑުން މޮޅުވެފައެވެ. މަލްޓާގައި ކުޅުނު އެ މެޗުގައި ސްކޮޓްލެންޑުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ރޮބާޓް ސްނޮޑްގްރާސް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ މާޓިން އާއި ސްޓީވަން ފްލެޗާ އެވެ. މަލްޓާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްފްރެޑް އެފިއޮންގް އެވެ.