05 Sep 2016, 09:55
ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަން އާއި ޔަމީ ގޯތަމް އެކުގައި ފެނިގެންދާ ފިލްމު "ކާބިލް"ގެ ޝޫޓިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ޚަބަރުތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވިގެން އުޅެނީ ރިތިކްގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
ނަމަވެސް ފިލްމުގެ ލީޑު އެކްޓްރެސް ޔަމީ ގޯތަމް މިވަނީ އެކަން ދޮގުކޮށްފަ އެވެ.
"އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. ފިލްމުގެ ޝޫޓިން ވަރަށް ރަނގަޅަށް ކުރިއަށް ދޭ އެބަ. ވަރަށް ފަހުން ލަވަ އެއްގެ މަސައްކަތް ވެސް ނިންމާލައިފިން،" ޔަމީ ބުނެފައިވެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔަމީ ވަނީ ރިތިކް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ޚާއްސަކޮށް ރިތިކްގެ ނެށުމުގެ ހުނަރަށް ޔަމީ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓުކޮށް ރިތިކުގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސް ކުރާ "ކާބިލް" އަކީ ތުރިލަރ އެކެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.