އަންކާރާ (ސެޕްޓެމްބަރު 4): ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ބޯޑަރު ކައިރީގައި އޮންނަ ސީރިއާގެ ބިންތަކުން "ހުރިހާ ޓެރަރިސްޓު ޖަމާއަތްތައް" ފޮނުވާލައިފި ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދުރިމް ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އަސްކަރިއްޔާ އާއި ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ހަމަލާތައް ކާމިޔާބުވި ކަން ބޮޑުވަޒީރު އިއުލާން ކުރެއްވީ ތުރުކީގެ ޓީވީން ދެއްވި ތަގުރީރެއްގަ އެވެ.

"އަޒާޒް އިން ޖަރާބުލުސް އަށް، ސީރިއާ އާއި ތުރުކީއާ ދެމެދު އޮންނަ 91 ކިލޯމީޓަރުގެ ހުރަސްރޮނގު ވަނީ އެއްކޮށް ރައްކާތެރިކޮށްފައި. ހުރިހާ ޓެރަރިސްޓު ޖަމާއަތްތައް ވަނީ ފަހަތަށް ޖައްސާފައި،" ބޮޑުވަޒީރު ޔިލްދުރިމް ވިދާޅުވި އެވެ.

ތުރުކީން ދެކޭ ގޮތުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިތުރުން ސީރިއާގެ ކުރުދީންގެ ޖަމާއަތެއް ކަމަށްވާ ވައިޕީޖީއަކީވެސް ޓެރަރިސްޓު ޖަމާއަތެކެވެ. އެހެންކަމުން، ސީރިއާގެ ބިންތަކުން އައިއެސްގެ ހަނގުރާމަވެރިން ފޮނުވާލުމަށް ފަހު އެބިންތަކަށް ކުރުދީން ވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ތުރުކީން ދެކެ އެވެ.

އައިއެސްގެ ހަނގުރާމަވެރިން ވަނީ ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ބޯޑަރު ކައިރިން ފަހަތަށް ޖެހިފަ ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ވަނީ ބުނެފަ އެވެ. (ބީބީސީ)