އައްޑޫ ސިޓީ، މަރަދޫ ބަނދަރު ތެރޭން ރޭ މަރުވެފައިއޮއްވައި ފެނުނު ދުވަސްވީ މީހާ މަރުވި ކަމަށްބެލެވެނީ ފިޓްޖެހިގެން ވެއްޓި ބޮލަށް ލިބުނު ގެއްލުމަކުން އޭނާގެ ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފިއެވެ.

މަރަދޫ ބަނދަރު ތެރޭ ދިޔަވަރު ހިކިފައިއޮތުމުން ވެލިގަނޑުމައްޗަށް ވެއްޓި މަރުވެފައި އޮށްވައި ފެނުނީ ގދ. ފަރެސްމާތޮޑާ، ރަންވެލި، އުމުރުން 86 އަހަރުގެ އަހުމަދު އަލީ އެވެ.

އޭނާ ބެލި ޑޮކްޓަރާ ހަވާލާދެއްވައި މަރަދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އިރުތިޝާމް ނަޖީބު މިއަދު ސަން އަށް ވިދާޅުވީ، ބެލެވޭގޮތުގައި އަހުމަދު މަރުވީ ފިޓު ޖެހިގެން ވެއްޓި ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ކަމަށެވެ.

"ވެއްޓި ޖެހިފައި އެބަހުރި ބޮލުގެ ނާށިގަނޑުގައި ރެނދުލާފަ. ރެނދުލުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށްބެލެވެނީ ނިޔާވެފައިވަނީ،" އިރުތިޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހުމަދަކީ އާންމުކޮށް ފިޓް ޖެހޭ މީހެއް ކަމަށެވެ.

ހަށިގަނޑުގެ ތިން ތަނެއް މަށައިގެން ދިއުމުގެ އިތުރުން ބޮޑެތި ޒަހަމްތަކެއް އަހުމަދުގެ ހަށިގަނޑުން ފެންނަން ނެތް ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އަންނައިރު ތަހުގީގާ ގުޅޭގޮތުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.