ކުޑަކުޑަ މާލޭގައި ލައްކައަކަށް ވުރެ ގިނަ މީހުން ތޮއްޖެހިގެން ދިރިއުޅެމުންދާ އިރު، ޒަމާނީ ވަމުން ދަނީ އުފުލެމުންދާ އިމާރާތްތަކާއި ބިނާތައް އެކަންޏެވެ. މާލޭގެ ރައްޔިތުން ނޭވާލުމަށާއި ފިނި ވައިރޯޅިއެއް އިހުސާސް ކޮށްލުމަށް ނުކުމެލާން މައިޒާންތަކާއި ފަންނުތައް ތަރައްގީ ކުރަމުންދާ އިރު، ތަރައްގީ ނުކޮށް، އަޅާނުލެވި ދޫކޮށްލެވިފައިވަނީ އެންމެ މުހިންމު ތަންތަނެވެ. އެއީ މަގުތަކެވެ. ގެއިން ނުކުމެ އެންމެ ފުރަތަމަ ޖެހޭނީ މަގުމައްޗަށެވެ. ހުރިހާ އެންމެން ނުކުމެ އުޅެނީ އެތަނަށެވެ. ފުރޮޅުލީ ދުއްވާ އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންވެސް ތަންތަނަށް ދަތުރުކުރަނީ މަގުމަތީގައެވެ.

މާލެއަށް ރަނގަޅު މަގުތަކެއް ބޭނުންވެފައި

މަގަކީ ހަޟާރާތެއް ގާއިމުވެފައިވާ ތަނެއްގައި ވަރަށް މުހިންމު އެއްޗެކެވެ. ދުނިޔޭގައި އިންސާނުންގެ އަސަރު ފެންނަ އެންމެ ދުވަސްވީ ހަޟާރާތް ކަމުގައިވާ، އިންޑަސް ވާދީގެ ހަޟާރާތުގެ މޮހެންޖޯ ދާރޯ ސިޓީގައި ވެސް މީހުން ދަތުރުކުރުމަށް މަގު ހަދާފައި ހުއްޓެވެ. މަގުތައް ހަދާފައި ހުރީ ގާ އަޅައިގެންނެވެ. އެއް މަގު އަނެއް މަގާ ގުޅޭގޮތަށް އިންޓަސެކްޝަންސްއާ ވެސް އެކުގައެވެ. އެއީ މީލާދީ ސަނަތުގެ ވެސް ގާތްގަނޑަކަށް 4،000 އަހަރު ކުރި އެވެ.

މާލޭގެ މަގުތައް މިހާރު ހުރީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ގާ އަޅައިގެން ހަދާފައި އޮތް ގޮތަށެވެ. ބަދަލެއް އައިސްފައެއް ނުވެ އެވެ. އައި ބަދަލަކީ، ޒަމާނާއި އެއްގޮތަށް ވީރާނާވާ ވުމެވެ.

މީގެ އިތުރުން، ކޭބަލްތަކާއި ބައެއް ހޮޅިތައް މަގުތަކުގެ އަޑީގައި ވަޅުލާފައި ހުރުމުގެ ސަބަބުން އެތަކެތީގެ މަސައްކަތް ކުރުމަށް މަގުގެ ގާތަށް ނަގާފައި، އަލުން ގާ އަޅާ އިރު މަސައްކަތްތެރީން ބައެއް ފަހަރު ގަޑުބަޑު ކޮށްލައެވެ. ކަންފަސޭހަ ކޮށްލުމުގެ ނަތީޖާއަކަށް ތަކުލީފު އުފުލަން ޖެހެނީ މަގުތައް ބޭނުންކުރާ މީހުންނެވެ.

މަގުތަކުގައި އަޑިގުޑަންތައް ހެދި، ބައެއް ގާތައް ފުނޑި ހަލާކުވެ އޭގެ ތަކުލީފު މަގު ބޭނުންކުރާ ފަރާތްތައް އުފުލަން ޖެހިފައިވެއެވެ. މި "އަނދަވަޅު"ތަކަށް ފައިން އެރި، ވެއްޓޭ ގޮތް ދިމާވެ އެވެ. ވެހިކަލްތަކަށް އޭގެ އަސަރު ކޮށް، ހަލާކުވާ ގޮތް ވެސް މެދުވެރިވެ އެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިއެދި ތިބި މާލޭގެ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭނެކަން ސަރުކާރުން މިވަނީ އިއުލާން ކޮށްފައެވެ.

ހިތަށް ލިބުނު ތަސައްލީ

މިދިޔަ ހަފްތާގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަޟްހާ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭ ދުވަހު، މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މާލޭގެ ޖުމްލަ 11 މަގެއް ހެދުމަށް ނިންމާފައި ވެ އެވެ. އެއީ މާލޭގެ އެންމެ ކާރުބާރު ބޮޑު މަޖީދީ މަގު، އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި މާފަންނު ކޮޅުގައި އޮންނަ، ވާރޭ ވެހުމުން އެންމެ ބޮޑަށް ފެން އުފެދޭ ބައެއް މަގުތައް ކަމުގައިވާ ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުން އަދި ބުރުޒު މަގެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަގުތައް މަރާމާތު ކުރުމަށް ހަމަޖެހިފައި ވަނީ، މަގު ބައިބައަށް ބަހާލުމަށް ފަހު، ދެ ހަފްތާގެ މުއްދަތެއްގައި ކޮންމެ ބައެއް ނިންމާ ގޮތަށެވެ.

މަގުތަކަށް އަންނާނެ ތަރައްގީ

މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، މަގުގައި ހުރިގާތަށް ނެގުމަށްފަހު، ލެވެލް ކޮށްގެންނެވެ. ހުރިހާ މަގެއް ލެވެލް ކުރުމުން، ބައެއް މަގުތައް އުސްވުން ފަދަ މައްސަލަތައް ނެތިގެން ދާނެ އެވެ. އަދި ތިރިކޮށް ހުންނަ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ.

މަގުތަކުން ފެން ހިންދުމަށް މިހާރު ހުރި ކާނުތަކަށް ވުރެބޮޑެތި ކާނުތައްވަޅުލުމަށް ނިންމާފައި ވެ އެވެ. އަދި އެއް ކާނު އަނެއް ކާނާ ގުޅުވައިދިނުމަށް ވެސް ބޮޑެތި ހޮޅި ބޭނުންކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެ އެވެ.

މަގުތައް އަލުން ހަދާ އިރު، ހަދާނީނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕޭވްމެންޓުތަކަށް އެރޭނެ ގޮތަކަށެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށް ޕޭވްމެންޓުން އަރައި ފޭބުމަށް ރޭމްޕު ހެދޭނެ އެވެ.

މަގުތައް އަލުން ހަދާ އިރުމަގުގައި ފަޔަރ ހައިޑްރަންޓު ޖަހަން ވަނީ ނިންމައިފައެވެ. ފަޔަރ ހައިޑްރަންޓަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ނިއްވުމަށް މަސައްކަތް ކުރާ ފަރާތްތަކުން ފެން ލިބޭނެ ކަނެކްޝަން ޕޮއިންޓެކެވެ. ރަށުގެ މެދުތެރޭގައި މިފަދަ ހާދިސާއެއް ހިނގައިފި ނަމަ، މޫދާ ހަމައަށް ހޮޅި އަޅައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ކުރުމަށް ނިމުމެއް އައިސް، އެ މަސައްކަތަށް ފަސޭހަކަމެއް ލިބިގެން ދާނެ އެވެ.

ޕޭވްމެންޓުން ގާ ނެގުމަށް ނިމުމެއް!

މަރާމާތު ކުރާ 11 މަގުގެ އަޑީގައި ވަރަށް ފުންކޮށް ވަޅުލާފައި ހުރި ކޭބަލްތައް އުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމުން، ކޭބަލް ޖަންކްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓުގައެވެ. ޕޭވްމަންޓު ކޮންނާކަށް ނުޖެހޭނެ އެވެ.

ޕޭވްމަންޓުގައި ޖަހަން ނިންމާފައި ވަނީ، ހުޅުމާލޭގެ ޕޭވްމަންޓުތަކުގައި ވެސް ހުންނަ ފަދަ، އެއް އަކަފޫޓުގެ ގަލެވެ. ނަމަވެސް މަގުތަކުގައި ޖަހާ ގާތަކަށް ބަދަލެއް ނާންނާނެ އެވެ.

އީދު ބަންދަށް ފަހު މަޖީދީ މަގުން މަސައްކަތް ފަށާނެ

ސަރުކާރުން ނިންމާފައިވަނީ، އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭ ދުވަސް ކަމުގައިވާ، ސެޕްޓެމްބަރު 18 ވަނަ ދުވަހު މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށެވެ. ފަށާނީ މަޖީދީ މަގުގެ ހުޅަނގު ކޮޅުންނެވެ. މަޖީދީ މަގު ނުވަ ބަޔަކަށް ބަހާލެވިފައިވާ އިރު، ފުރަތަމަ ބަޔަކީ ރަސްފަންނު ކުރިމަތިން އޮންނަ ރައިވެރިގެއާ ހިސާބުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށެވެ.

މަޖީދީ މަގުގެ ފުރަތަމަ ބައިގެ މަސައްކަތް، އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހަށް ނިންމާލެވޭނެ އިރު، އެ މަގުގެ ދެވަނަ ބައި ކަމުގައިވާ، އިއްޒުއްދީން މަގުން ފެށިގެން ނަލަހިޔާ ޖަންކްޝަނާ ހަމައަށް މަރާމާތު ކުރުން، ޖެހިގެން އަންނަ ދުވަހު ފެށޭނެ އެވެ.

މަޖީދީ މަގުން ފެށިގެން ގޮސް، އަނެއް 10 މަގުގެ މަސައްކަތް ވެސް ކުރިޔަށް ދާނީ ބައިބަޔަށް ބަހާލައިގެން، ފަހަރަކު ބައެއްގައެވެ. އަދި މުޅި މަޝްރޫއުގައި ހިމެނޭ 11 މަގުގެ މަސައްކަތް، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހަށް ނިންމުމަށް ތާވަލު ކޮށްފައި ވެ އެވެ.

ދެ އަހަރު ދުވަހުގެ މި މަސައްކަތް ނިނުމާ އެކު، މާލެ ސިޓީގެ އެންމެ މުހިންމު ޕަބްލިކް ގުޑް ނުވަތަ އާންމު ހަރުމުދާ ކަމުގައިވާ މަގުތައް ވަރަށް ބޮޑުތަން ތަރައްގީ ވެގެން ދާނެ އެވެ.

މާލޭގެ އެތެރޭގެ މަގުތައް މިފަދައިން ތަރައްގީ ކުރި ނަމަވެސް، މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.