ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިން ކުޅުނު ފުރަތަމަ މެޗުގައި ފަހު ވަގުތު ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސްލޮވާކިއާ އަތުން މޮޅުވެއްޖެއެވެ.

ވޯލްޑް ކަޕް 2018ގެ ކޮލިފިކޭޝަން ބުރުގެ ޔޫރަޕް ބައްރުގެ 'ގްރޫޕް އެފް'ގައި ރޭ ކުޅުނު އެ މެޗުން އިނގިރޭސިން މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސޭމް އެލާޑީސްގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ކުޅެމުންދިޔަ އިނގިރޭސިން ސްލޮވާކިއާގެ ޑިފެންސް ލައިނަށް ޕްރެޝަރު ކުރި ނަމަވެސް، އިނގިރޭސީންނަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިންނާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު އިނގިރޭސިން ކާމިޔާބުކުރީ 1-0 ލަނޑުން --- ފޮޓޯ: ގެޓީ

މެޗުގެ 57 ވަނަ މިނެޓުގައި އިނގިރޭސި ޓީމުގެ ހެރީ ކޭން އަށް ކުރި ފައުލަކާ ގުޅިގެން ސްލޮވާކިއާގެ ޑިފެންޑަރު މާޓިން ސްކާޓަލް އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކިއެވެ. ސްކާޓަލް އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ސްލޮވާކިއާ އިން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވޭން ރޫނީ ދުރުން ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ގޯލްކީޕަރު މެޓަސް ކޮޒަޗިކް ވަނީ މަތަކޮށްފައެވެ. އެ ހަމަލާ އޭނާ މަތަކުރުމާ އެކު ރަހީމް ސްޓާލިން އަށް ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގައި އިނގިރޭސިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައެވެ. އެ ލަނޑު އިނގިރޭސިންނަށް ކާމިޔާބުކޮށްދިނީ އެޑަމް ލަލާނާއެވެ. އެއީ އިނގިރޭސި ޓީމަށް ލަލާނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ޔޫރަޕް ބައްރުގެ 'ގްރޫޕް އެފް'ގައި ރޭ ލިތުއޭނިއާ އާއި ސްލޮވޭނިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ލިތުއޭނިއާ އިން ދެ ލަނޑުގެ ލީޑެއް ހޯދި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ސްލޮވޭނިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސްލޮވޭނިއާއިން ނަތީޖާ އެއްވަރުކުރި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިންނާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު އިނގިރޭސިން ކާމިޔާބުކުރީ 1-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް

'ގްރޫޕް އީ' ކަޒަކިސްތާނާއި ޕޮލެންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރަށުން ބޭރުގައި ކުޅެމުންދިޔަ ޕޮލެންޑުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކަޒަކިސްތާނުން ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

'ގްރޫޕް އީ'ގައި އަރްމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ޑެންމާކް ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ. އެ މެޗުގެ 17 ވަނަ މިނެޓުގައި ޑެންމާކުގެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ.

'ގްރޫޕް ސީ'ގައި ދިހަ ކުޅުންތެރިންނާއެކު ކުޅުމުންދިޔަ ސެން މެރީނޯ އަތުން އަޒަރްބައިޖާން ވަނީ 1-0 ލަނޑުން މޮޅުވެފައެވެ. އަމިއްލަ ރަށުގައި ކުޅެމުންދިޔަ ސެން މެރީނޯ ކޮޅަށް އަޒަރްބައިޖާން ޖެހި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އަޒަރްބައިޖާން އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރުސްލާން ގުރްބަނޯވް އެވެ.