ހެންވޭރު ކޮޅުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރެއިން އަމީނިއްޔާ ސްކޫލް ޔުނިފޯމްގައި ހުރި އަންހެން ކުއްޖަކު ފުލުހުން ނެރެފި އެވެ.

ނަމަވެސް އެ ކުއްޖާ ގެސްޓްހައުސް އިން ނެރުނީ ކޮން ކަމަކަށް ތުހުމަތުކޮށް ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން ކުރަމުން އަންނަ މަސައްކަތަކާ ގުޅިގެން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ނެރެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 16 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ އިރު ކުޑަކުދިންނާ ބަދުއަޚްލާގީ ޢަމަލުތައް ގިނައިން ހިންގާފައި ވަނީ ކުދިން ގެސްޓް ހައުސްތަކަށް ގެންގޮސްގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައި ވަނީ ގިނަ ފަހަރަށް ކުޑަކުދިން ގެސްޓް ހައުސްތަކަށް ގެންގޮސްފައި ވަނީ ރައްޓެހި ކަމުގައި ނުވަތަ އިންޓަނެޓުން ޗެޓް ކޮށް، ރައްޓެހިވެގެން ފޯނުކޮށްގެން ކަމަށެވެ. ގެސްޓް ހައުސްތަކަށް ގެންގޮސްފައި ހުރީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށާއި ކުޑަކުދިން، ކުޑަކުދިންނާ އެކު ވެސް ގެސްޓް ހައުސް ތަކަށް ގޮސްފައިވާ އިރު ފުރާވަރުގެ ކުދިން ބޮޑެތި މީހުންނާ އެކު ގެސްޓްހައުސްތަކަށް ދާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ކުދިން އުޅެނީ ކޮންތާކުތޯ އާއި ކުދިން ޔުނީފޯމް އަޅައިގެން ދަނީ ކޮންތާކަށްތޯ ބެލެނިވެރިން ނުބެލުމުން އެ ކުދިން ގެސްޓް ހައުސްތަކަށް ޔުނިފޯމުގައި ގޮސްފައި އެބަހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެގޮތުން މިދިޔަ މަހުގެތެރޭ ޖިންސީ ތަފާތު 27 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 16 މައްސަލައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ އެވެ. ދެން އުޅެނީ ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ 11 މައްސަލައެކެވެ.