05 Sep 2016, 09:16
ބޮލުގެ ނާށިގަނޑުގައި ރެނދުލައި ސިކުނޑިއަށް ލޭ އެޅުން ފަދަ ކަންކަން އާންމު ވަނީ އެކްސިޑެންޓުތަކާއެކުގަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިނގާ މަގުމަތީ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް މަރުވާން ދިމާވާ މައިގަނޑު ސަބަބަކީ ބޮލަށް ލިބޭ ގެއްލުމެވެ. ވިސްނުމެއް ނެތި ބާރު ދުވެއްޔެއްގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކު އެ ދަނީ ދުނިޔެއާ ވަކިވަމުންނެވެ. އެ ދުވެލިތައް މަތަކުރަން މުއައްސަސާތައް ނުކުޅެދިފައިވާ އިރު އަމިއްލަ ރައްކަލަށް ފަރުދުންގެ ޒިންމާ ނަގަން އެބަޖެހެ އެވެ. އޭގެ އެންމެ ރަނގަޅު އެއް ފިޔަވަޅަކަށް ވާނީ ސައިކަލް ފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކާއި ފަހަތަށް އަރާ މީހާ ވެސް ހެލްމެޓް އެޅުމެވެ.
ހެލްމެޓް ހަދާފައި މި ހުންނަނީ އެންމެ ނާޒުކު އެއް ގުނަވަން ކަމަށްވާބޯ ވަރަށް ރަނގަޅަށް ރައްކާތެރި ކުރެވޭ ގޮތަށެވެ. ހެލްމެޓް އަޅައިގެން ހުއްޓާ ބޮލުގައި ބަރު އެއްޗެއް ޖެހުނު ނަމަވެސް އަދި ތަނެއްގައި ބޯ ބާރަށް ޖެހުނު ނަމަވެސް ބޯ ފަޅައިގެން ދިއުމާއި ބޮލުގެ ނާށިގަނޑަށް ގެއްލުންތައް ލިބުމުން ދުރުކޮށްދެ އެވެ. އެއީ ފުރާނައަށް ނުރައްކާވެދާނެ އެތައް ހާދިސާއަކުން ތިމާ ރައްކާތެރިކޮށްދޭ ކަމެކެވެ.

ސައިކަލު ނުވަތަ ބައިސްކަލު ފަދަ އުޅަނދުތައް ދުއްވުމުގައި ހިނގާ އެކްސިޑެންޓްތަކުން މީހާ ވިއްސައިގެންގޮސް ތަންތަނުގައި ޖެހޭއިރު ހެލްމެޓް އަޅުމުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ އެވެ. ހަމައެކަނި އެ އުޅަނދެއް ދުއްވާ މީހާ އެކަންޏެއް ނޫނެވެ. ސައިކަލުތަކަށް އަރާ މީހުން ވެސް ހެލްމެޓް އެޅުން މުހިންމެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު ބައްޕައާ އެކު ސައިކަލު ދުއްވާލަން ނުކުމެ އުޅުމުގެ ތެރެއިން ނުގަވައިދުން އައި އުޅަނދެއްގައި ޖެހި ކުޑަ ދަރިފުޅު މަރުވެފައި ވަނީ ވެސް ބޮލަށް ލިބުނު ގެއްލުންތަކުންނެވެ. އެހެންކަމުން ކުޑަ ދަރިފުޅު ގޮވައިގެން ދުއްވަން ނުކުންނަ އިރު ވެސް ހެލްމެޓް އެޅުން ވަރަށް މުހިންމެވެ.
ޑޮކްޓަރުންގެ ލަފަޔަކީ ހެލްމެޓް އެޅުން!
ސިއްހީ މާހިރުންގެ ލަފަޔަކީ ވީހާ ވެސް އަވަހަށް ހެލްމެޓް ބޭނުންކުރަން ފެށުމެވެ. އެއީ އެފަދަ ނުރައްކާ ހާލަތްތަކަށް އޮތް ހައްލެއް ކަމަށް އެބޭފުޅުން ގަބޫލު ކުރައްވަ އެވެ.
ކުއްލި ސިއްހީ މައްސަލަތަކަށް ފަރުވާ ދެއްވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވާ ގޮތުގައި ރާއްޖޭގައި އެކްސިޑެންޓް ހިނގައި މީހުން މަރުވާ މައިގަޑު ސަބަބަކީ ބޮލަށް ލިބޭ ގެއްލުންތައް ކަމަށާއި އެކަން ހައްލުކުރަން ހެލްމެޓް އެޅުން ވަރަށް މުހިންމެވެ. ހެލްމެޓަކީ މީހާގެ ބޮލަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދޭ ވަސީލަތެއް ކަމަށް އުސާމާ ވިދާޅުވި އެވެ.

ކޯޒްވޭ މަތީގައި ހިނގި އެކްސިޑެންޓްގައި މީހަކު ނަގަނީ ---- ފޮޓޯ: މި ދުވަސް އޮންލައިން
"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހެލްމެޓް އަޅާދެއްތޯ، އަޅުގަނޑަށް ވަރަށް ފެނޭ ރާއްޖޭގައި ހެލްމެޓް އަޅަން، މިކަން ކުރަން ކޮންމެހެންޖެހޭ، މީގެން މީހާ ރައްކާތެރިކޮށްދޭނެ،" ޑރ. އުސާމާ ވިދާޅުވި އެވެ.
ރާއްޖޭގައި ހެލްމެޓް އަޅަން ޖެހެނީ އެންމެ މަގެއްގައި!
މީގެ 13 ވަރަކަށް އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި ރިފާ އައްބާސް މަރުވުމާ ގުޅިގެން ރާއްޖޭގައި އޭރު ވަނީ ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އުސޫލު އުވި ހެލްމެޓާއި ބީރައްޓެހިވި އެވެ. ނަތީޖާއަކީ ރައްކާތެރިކަން ނުލިބުމެވެ.
މިހާރު ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ހެލްމެޓް އަޅަން ޖެހެނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ސައިކަލު ދުއްވާ މަގުތަކުގައި އެކަންޏެވެ. އެހެންކަމުން ހެލްމެޓް އަޅަން މަޖުބޫރު ވަނީ އައްޑޫ ލިންކް ރޯޑްގައި އެކަންޏެވެ. ހުއްދަ ނެތް ނަމަވެސް 30 ކިލޯ މީޓަރަށް ވުރެ މާބާރަށް ސައިކަލް ނުދުއްވާ މަގެއްމަގެއް ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ނެތެވެ. ދުއްވުމުގައި ހައްދެއް މިނެއްނެތެވެ.
ދުނިޔެ ބަލައިގެންފައިވާ ނިޒާމެއް!
ދުނިޔޭގެ އާބާދީގެ 77 ޕަސެންޓް މީހުންނަށް ނިސްބަތްވާ ގޮތަށް ހެލްމެޓް ބޭނުން ކުރުމުގެ ގާނޫނުތައް ވަނީ ހަދައިފަ އެވެ. އެހެންކަމުން މިއީ ދުނިޔޭގެ ގިނަ ބަޔަކު ތަބާވަން މަޖުބޫރު އުސޫލެކެވެ. އަވައްޓެރި ގައުމުތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ގޮސް އުޅޭ އިންޑިއާ ލަންކާ ފަދަ ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގައި ވެސް ހެލްމެޓް ބޭނުންކުރެ އެވެ.

ޓުރާންސްޕޯޓުގެ އެދުމަކީ ވެސް ހެލްމެޓް ބޭނުންކުރުން!
މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އަތޮޅުތެރޭގައި ވެސް އެތައް ހާސް އުޅަނދެއް ދުއްވަ އެވެ. ގިނައީ ސައިކަލެވެ. ދުއްވުމުގައި ހައްދެއް ނެތް އިރު ނުރައްކާތަކުން ސަލާމަތްވުމަށް ހެލްމެޓް އެޅުމަށް ޓުރާންސްޕޯޓް އޮތޯރިޓީން ވެސް އެދެ އެވެ.
ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވި ގޮތުގައި ރާއްޖެ ނޫނީ ހެލްމެޓް ނާޅާ ގައުމެއް މަދުއިރު ހެލްމެޓް އަޅައިގެން ސައިކަލު ފަދަ އުޅަނދުތައް ދުއްވަން އުސޫލެއް ކަނޑައަޅަން އެ އޮތޯރި ޓީން ވަރަށް ބޭނުންވެ އެވެ.
"ވަރަށް ބޮޑަށް ބޭނުން، ހެލްމެޓް އަޅައިގެން ވެހިކަލް ދުއްވުމަށް ގޮވާލަން، އެއީ ވަރަށް ބޮޑު އެދުމެއް،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން މަޖުބޫރު ކުރަން މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ވެސް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކަނޑައަޅާ މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މިދިޔަ އަހަރު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ. އެގޮތަށް ނިންމީ 42 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.
މުއައްސަސާތަކުން އެކަން ނުކުރި ނަމަވެސް އަމިއްލަ ސަލާމަތަށް ފަރުދީ ޒިންމާ ނަގަން ލަސްވެއްޖެ އެވެ. އާއިލާ ފަރާތްތަކާއި ގާތް މީހުންގެ އިތުރުން ޅަދަރިން ގޮވައިގެން ރާއްޖޭގެ ނުރައްކާތެރި މަގުތަކަށް ސައިކަލް ފަދަ އުޅަނދުތައް ދުއްވަން ނުކުންނަ އިރު ހެލްމެޓް އަޅަން މަޖުބޫރުވެއްޖެ އެވެ. ރައްކާތެރިކަން އިސް ކުރައްވާށެވެ.