ރ. ހުޅުދުއްފާރުގައި އެ ރަށު ސްކޫލު ދަރިވަރުންތަކެއް ހިންގި މާރާމާރީއެއްގައި 13 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ހުޅުދުއްފާރު ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވާ ދަރިވަރުންތަކެއް ހިންގި އެ މާރާމާރީގައި ޒަހަމްވި ފިރިހެން ކުއްޖާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހަސަން ފަޒީލު ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު ނޭފަތުން ލޭ ފައިބަމުން ދިޔަ ކަމަށާއި އޭނާގެ މޫނުމަތީގައި ޒަހަމްތަކެއް ހުރި ކަމަށެވެ. އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ފޮނުވަން ޖެހޭނެ ކަމަށް ފަޒީލު ވިދާޅުވި އެވެ.

"މިހާރު ސްޓޭބަލް، އެކަމަކު ސީރިއަސް ނޫނެކޭ އަޅުގަނޑަށް ދަންނަވަން ދަތި،" އުނގޫފާރު ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރު ވިދާޅުވި އެވެ.

ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު ވިދާޅުވީ މިރޭ އެ ރަށުގައި ހިންގި މާރާމާރީގައި ޒަހަމްވި ކުއްޖާ ބަނދަރު މައްޗަށް ވެއްޓިފައި އޮއްވާ ބަޔަކަށް ފެނިގެން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ ޚަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް އެ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން އަދި އެ ރަށަށް ނުދާ ކަމަށް އަލީ ޖާވިދު ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އެ މާރާމާރީ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި ތަހުގީގަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުން އެ ރަށަށް ދާނެ ކަމަށެވެ.