04 Sep 2016, 23:57
ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގަވަމުން ގެންދަވާ އިސް ބޭފުޅުންނަކީ މާދަމާ ވެސް އެކަކު އަނެކަކުގެ ކަރަށް ހަންޖަރު ހަރާވަރުގެ ބޭފުޅުން ކަމަށާއި އެބޭފުޅުންނަކީ ގައުމަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބަވައިގެން އިދިކޮޅު ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރިހާ ދިވެހި ރައްޔިތުން އާނބަސް ބުނަންޖެހޭ ކަމަށެވެ.
އިނގޭސި ބަހުން ބުނާނަމަ، މެރީޖް އޮފް ކޮންވީނިއަންސެއް ގާއިމް ކޮށްގެން މި ތިބެނީ ހަމަ މިހާރު ވެސް އެނބުރިލާފައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ކަރަށް ހަންޖަރު ޖަހަން ތައްޔާރަށް ތިބި މީހުން މި ތިބީ،ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރު
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މާޒީއަށް ބަލާލާ ކޮންމެ ފަހަރަކު ވެސް އެބޭފުޅުންގެ ބަސް ގަބޫލުނުކުރާން ޖެހޭ ސަބަބުތައް ފެނިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބޭފުޅުންގެ ވާހަކަތައް އަޑު އެއްސެވުމަކީ އަމިއްލަ އަތުން މުސްތަގުބަލު ހަލާކު ކޮށްލުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހަގީގަތާ ހިލާފަށް މުޖުތަމުގެ ތެރޭގައި ވާހަކަ ދެއްކުމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މުޅި ގައުމަށް އަސަރު ފޯރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް އެއަށް ވުރެ ސަރުކާރު އޮތީ ވަރުގަދަކޮށް ކަމަށެވެ.