މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބާތިލް ކޮށްފައިވާ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު އިންޓަރިމް ކޮމެޓީއެއްގެ ބެލުމުގެ ދަށުން މިމަހު 29ގައި ބޭއްވުމަށް އިއުލާން ކޮށްފިއެވެ.

ވީއޭއެމްގެ އިންތިހާބު ބޭއްވުމަށް ހޯމް މިނިސްޓްރީން އެކުލަވާލި ފަސް މެމްބަރުންގެ އިންޓަރިިމް ކޮމެޓީން މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހު ބާއްވާ ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، 22 ވަނަ ދުވަހުގެ ކުރިން މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އިންތިހާބު އަލުން ބާއްވާއިރު ހިންގާ ކޮމެޓީ އުވާލާފަވީ ނަމަވެސް އާ ގާނޫނު އަސާސީގެ އިސްލާހުގެ ދަށުން އެ ހިންގާ ކޮމެޓީގެ މެމްބަރުން އަލަށް އެކުލަވާލި އިންޓަރިމް ކޮމެޓީއަށް އެއްބާރުން ދޭން ޖެހޭ،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

ވީއޭއެމްގެ އިންތިހާބު މިދިޔަ މަހު ކުރީ ކޮޅުގައި ބާތިލްކޮށްފައި ވަނީ އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެ މިނިސްޓްރީން އެ މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއާ އެ އިންތިޚާބު ހިލާފުވެފައިވާކަން ފާހަގަވެފައިވާތީއެވެ.

މި އަހަރު ކުރީ ކޮޅުގައި ބޭއްވި ވީއޭއެމްގެ އިންތިހާބު ދެފަހަރު މަތިން ވޯޓްލައި އެއްވަރުވުމުން ހިންގާ ކޮމެޓީގެ އަގުލަބިއްޔަތުން ކާމިޔާބު ކޮށްފައިވަނީ މުހައްމަދު ރިޔާޒް (ރިޔާ) އެވެ. އޭނާއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް، ސްޕޯޓްސް ކޮމިޝަނުން ވަނީ އިންތިހާބު ބާތިލްކޮށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް އަންގައިފައެވެ.

ނަމަވެސް އޭރު ސްޕޯޓްސް ކޮމިޝަނުން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށާއި ގާނޫނީ ގޮތުން އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ ކަމަށް އެ އިންތިހާބު ކާމިޔާބުކުރެއްވި ވީއޭއެމްގެ ރައީސް މުހައްމަދު ރިޔާޒް ވަނީ ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓްރީން ވީއޭއެމްގެ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބަކަށް ގޮވާލާފައިވާ އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ބަލައި ވީއޭއެމްއާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ.