އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅަމުންދާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކުރިން އެ މުބާރާތަށް ފޯމު ހުށަހެޅުމަށް ގުރުއާނާބެހޭ މަރުކަޒުން ދީފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ ގުރުއާން މުބާރާތް މީގެ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ މެއި މަހުގެ 27ވަނަ ދުވަހު އެވެ. އެ މުބާރާތް އަންނަ މަހަށް ފަސްކުރީ މުބާރާތަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މުބާރާތުގައި ބައިވެރިވާ ރަށްރަށުގެ ކައުންސިލުތަކުން އެދުމުން ނެވެ.

އެ މުބާރާތް ބޭއްވުން އަންނަ މަހަށް ފަސްކޮށްފައިވީ ނަމަވެސް އެ މުބާރާތުގެ އެއްވެސް އުސޫލަކަށް ބަދަލު ގެނެސްފައި ނުވެ އެވެ.