ވަގަށް ޑޮލަރު ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާއިން އިއްޔެ ހައްޔަރު ކުރީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ކަން "ސަން"އަށް އެނގިއްޖެ އެވެ.

ލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ޑރ. މަޖީދު ހައްޔަރު ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ ފުރަން އުޅެނިކޮށެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ އެއާޕޯޓުން ހައްޔަރު ކުރި ދިވެހި މީހާގެ ދަބަސް ތެރޭގައި 45،000 ޑޮލަރު (691،200 ދިވެހި ރުފިޔާ) ފޮރުވާފައިވާ ހުއްޓާ ފެނުނު ކަމަށެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ އެކަމަށް ނަގަންޖެހޭ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.

އެމްޑީޕީގެ ސަރުކާރުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ގަ އެވެ. އޭނާ އެމްޑީޕީން ވަކިވެވެވަޑައިގަތުމަށްފަހު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.