ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 22 އަހަރުގެ ފިރިހެނެއް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަންއިން ޑްރައިވަރު ކަމަށާއި އޭނާ ހައްޔަރު ކުރީ ތަހުގީގުގެ ބޭނުމަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28، މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދާ އެކު ސައިކަލު ދުއްވަން ނުކުމެ އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށެވެ. ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގި އިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.

އެ އެކްސިޑެންޓުގައި ޝިއުނާގެ ދަތްދޮޅީގެ އިތުރުން ކަނދުރާ އާއި ކަނާތު ފައި ބިންދައިގެންދިޔަ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި ޝާހިދަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗުން ބުނީ ޝާހިދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވި ޝިއުނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކުވެސް އޭނާގެ ހުރެއެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ކުދިން ބެލުމަށެވެ.