ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު، ރާއްޖެ ޓީވީއާ ދެކޮޅަށް ކުރައްވާފައިވާ އަބުރުގެ ދައުވާގައި ޝަރީއަތުން ގޮތެއް ނިންމާނީތޯ ނުވަތަ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ހޯދާނީތޯ ދެން އޮންނަ އަޑުއެހުމުގައި ކަނޑައެޅުމަށް އެއްބަސްވުމަށްފަހު، ސިވިލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ބައްދަލުވުން ނިންމާލައިފިއެވެ.

ސިވިލް ކޯޓުގައި މިހާރު ހަމަޖެހިފައިވާ އުސޫލަކީ އެ ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، ފުރަތަމަ އެ މައްސަލަ ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި ދެފަރާތުން މަޝްވަރާކޮށްގެން ހައްލު ހޯދުމުގެ ފުރުސަތު ދެނީއެވެ. އެގޮތުން އެކަމަށްޓަކައި މައްސަލާގައި ހިމެނޭ ދެ ފަރާތް ހާޒިރުކޮށް ބައްދަލުވުމެއް ބާއްވައި މަޝްވަރާތައް ފަށައެވެ. އެ މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެނަމަ ދެން މައްސަލަ ފޮނުވާނީ ޝަރީއަތަށެވެ.

ރާއްޖެ ޓީވީގެ ވަކީލެއްގެ ގޮތުގައި މިއަދު ކޯޓަށް ވަޑައިގަތީ ގާނޫނީ ވަކީލު އަބްދުﷲ ހަސީނެވެ. އަދި ޔަޒީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ގާނޫނީ ވަކީލު ޝަހުޑި އަންވަރެވެ.

ޔަޒީދު ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްފައި ވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖެ ޓީން އޭނައާ ގުޅޭގޮތުން ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ.

ޔަޒީދާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން އެ ޚަބަރުގައި ބުނެފައި ވަނީ، ނަޒާހަތްތެރިކަން އިތުރުކުރުމަށް ކަމަށްބުނެ މިދިޔަ އަހަރު ބައެއް ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރީންނަށް ގާނޫނުއަސާސީގެ 102 ވަނަ މާއްދާއާ ޚިލާފަށް ސަރުކާރުން ދިން ރެހެންދި ފްލެޓްތަކުގެ ތެރޭން ޔަޒީދަށް ލިބިވަޑައިގެންނެވި ފްލެޓް ނަމްބަރު 3ބީ، 2000 ޑޮލަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.

މިއީ އަބުރުގެ ގާނޫނު ފާސްކުރުމުގެ ކުރީން ހިނގި ކަމަކަށް ވާތީ، މި މައްސަލައިގައި ދައުވާކޮށްފައި ވަނީ، "އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު"ގެ ދަށުންނެވެ.