01 Jun 2011, 16:08
ބަލިވެގެން ޑޮކްޓަރަށް ދައްކާލުމުގެ ބޭނުމުގައި އެއްދުވަހަކު ކުލިނިކަކަށް ހިނގައްޖައީމެވެ. ނަންބޯޑުގައި އިނގިރޭސި އަކުރުން "ކްލިނިކް" ޖަހާފައި އޮތްތަން ފެނިގެންނެވެ. ވަންއިރު ކުރިމަތީގައި ހުރީ އުސް ކައުންޓަރެކެވެ. ކައުންޓަރާ ކުރިމަތި ވާގޮތަށް އަނެއް ފަރާތުގައި ތިން ހަތަރު ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. އެއް ގޮނޑި ފިޔަވައި އަނެއް ތިން ގޮނޑީގައި މީހުން ތިއްބެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައި ތިބި ތިން ފިރިހެނުންނެވެ. އެއީވެސް ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުން ކަމަށް ވެދާނެ އެވެ.
އެމީހުންނަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތި ކައުންޓަރާ ދިމާއަށް ޖެހިލީމެވެ. ކައުންޓަރުގައި އިނީ ލޯކުޑަ ހަންއަލި އިސްތަށިގަނޑު ފަން ޒުވާން އަންހެން ކުއްޖެކެވެ. ކައުންޓަރުކައިރިއަށް ހުއްޓުމާއެކު، ކޮށި އިނގިރޭސި ބަހުން އޭނާ ބުނީ މިވަގުތު ފުލްކަމަށާއި ވިއްސަކަށް މިނެޓް ފަހުން "ފްރީ" ވާނެކަމަށެވެ. އެއަށްފަހު ދިއްކޮށްލީ ތަނުންދޭ ޚިދުމަތްތައް އަގާއެކު ލިޔެފައި އޮތް ގަނޑެކެވެ. ގަނޑު އޮތީ ލެމިނޭޓް ކޮށްލާފަ އެވެ.
ޚިދުމަތްތަކަށް ބަލައިލިއިރު ބޭނުންވެގެން ދިޔަ ފަރުވާއެއް އެތަނުން ލިބޭކަށް ނެތެވެ. ކައުންޓަރުމަތީގައި ގަނޑު ބާއްވާފައި ނިކުމެ ހިނގައިގަނެގެން އެޅުނީ ދެތިން ފިޔަވަޅެކެވެ. "ކަލޭވެސް މިހާރު މިކަހަލަ ތަންތަނަށް ވަންނަންފެށީހޭ؟" ފަހަތުން މީހަކު ބުނެލި އަޑަށް އެނބުރި ބަލައިލި އިރު ހުރީ ރައްޓެއްސެކެވެ. ވާނުވާ އެނގުނީ އެކުވެރިޔާގެ ފުށުންނެވެ. ކުލިނިކެއް ކަމަށް ހީކޮށް ސިއްހީ ފަރުވާއެއް ހޯދަން މި ވަދެވުނީ "މަސާޖު ޕާލާ" އަކަށެވެ.
މިއީ އަތޮޅުތެރޭގެ ރަށަކުން މާލެ އައިސް އުޅުނު ދަތުރުވެރިއަކަށް އެއްދުވަހަކު ދިމާވި ކަމެކެވެ. އޭނާގެ ނަޒަރުގައި މަސާޖު ޕާލާއެއް މާލޭގައި ހުރުމަކީ މައްސަލައެއް ނޫނެވެ. އަޅުގަނޑުވެސް އޭނާގެ ޚިޔާލަކާ ދެބަހެއް ނުވާނަމެވެ. މަސާޖަކީވެސް ސިއްހީ "ފަރުވާ" އެކެވެ. ބުރަކޮށް މަސައްކަތުގައި އުޅޭ މީހުން، ހަށިގަނޑު "ރިލެކްސް" ކޮށްލަން މަހަކު އެއްފަހަރުހެން ކޮށްލަން ހަމަ އެންމެ ރަނގަޅު ކަމެކެވެ.
ސުވާލަކީ މާލޭގައި "ކުލިނިކް" ނުވަތަ "ސެލޫން" ގެ ނަންބޯޑު ޖަހައިގެން ހިންގާ ގިނަ ތަންތަނުން ދެވެނީ "ހަގީގީ މަސާޖު" ހެއްޔެވެ؟ އެތަންތަނަށް ވަންނަ މީހުން ވަންނަނީ މިދެންނެވި ގޮތަށް ހަށިގަނޑު "ރިލެކްސް" ކޮށްލުމުގެ މަގުސަދުގައި ހެއްޔެވެ؟ ނޫނެކެވެ. ކަން ހިނގާމަގަކީ އެއީއެއް ނޫނެވެ. އެފަދަ ތަންތަނުގެ އެތެރޭގެ މާޙައުލު އެއަށްވުރެ މާ ހުތުރެވެ. މުޑުދާރެވެ. މިއީ މައްސަލައެކެވެ. ބޮޑު މައްސަލަ އެކެވެ.
މައްސަލަ ކިތަންމެ ބޮޑަސް ކަން ކިތަންމެ ވިޔާނުދާވިޔަސް، ފުރިބާރުވެފައިވާ މި މާލޭގައި އެފަދަ "ކުލިނިކް" ތަކާއި "ސެލޫން" ތައް އިތުރުވަމުން އަންނަނީ އިންތިހާއަށެވެ. މިއިން ކޮންމެ ތަނަކީ ސަރުކާރުގެ ހުއްދައާ އެކު ހިންގަމުން ގެންދާ ތަންތަނެވެ. އެހެންނަމަވެސް ހުއްދަ ދީފައި އޮންނާނީ އެފަދަ ވަޙުޝީ އަމަލުތަކަކަށް ނޫންކަން ކަށަވަރެވެ. އެހެންކަމަށްވާއިރު އެފަދަ އަމަލުތައް ތަނުގެ ތެރޭގައި ފާޅުކަން ބޮޑު ގޮތަކަށް ހިންގެންވީ ކީއްވެގެން ހެއްޔެވެ؟ ކަމާބެހޭ ފަރާތްތަކުން ޒިންމާ ނުނެގެންވީ ކީއްވެގެން ހެއްޔެވެ؟
ކުލިނިކްގެ ނަމުގައި ނުވަތަ ސެލޫންގެ ނަމުގައި ހިންގަމުން ގެންދާ ގިނަ މަސާޖުޕާލާ ތަކުން ލިބެން ހުންނަ ޚިދުމަތް ތަކަކީ މިތަންތަނުން ޚިދުމަތް ހޯދާ މީހުން ބުނާގޮތުން ނަމަ، ނާސިގެތަކުންވެސް ލިބޭނެ ޚިދުމަތްތަކެވެ. މި ވާހަކަ ގަބޫލު ކުރެވެ އެވެ. ދޭތެރެ ދޭތެރެއިން މިފަދަ ތަނެއް ބަންދުކުރާ ވާހަކަ އަޑު އިވޭއިރު އެފަދަ ކޮންމެ ތަނެއް ވެސް ބަންދު ކުރަނީ ތަނުގެ އެތެރޭގައި ބަދުއަޚުލާގީ ޢަމަލު ހިންގަމުން ގެންދަނިކޮށެވެ. އެހެންކަމުން މިއަދު މި އިސްލާމީ މުޖުތަމަޢުގައި ގިނަވަމުން، މަގުބޫލުކަން ލިބެމުން މި އަންނަނީ ލައިސަންސް ލިބިގެން ހިންގާ ނާސިގެތަކެއް ނޫންހެއްޔެވެ؟
މިފަދަ ކަންކަމަކީ ހީކުރާ ވަރަށްވުރެ ނުރައްކާތެރި ކަމެކެވެ. ބަދުއަޚުލާގީ އަމަލުތައް މުޖުތަމަޢުގައި އިތުރުވެ، އިންސާނުން ޖަނަވާރުންގެ ގިންތީގައި ހިމެނެމުން ދާއިރު، މިފަދަ ކަންކަން މުޖުމަތަމަޢުގައި އަށަގަނެ ފެތުރެމުން ދާތަން ދެކެން ތިބެން ހެޔޮވާނެބާވަ އެވެ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަދު މިފަދަ މަސާޖުޕާލާތައް ހުރީ ހަމަ އެކަނި މާލެއަކު ނޫނެވެ. އަތޮޅުތަކަށް ވެސް މި "ރޯގާ"ގެ ބަލިމަޑުކަން ފެތުރެން ފަށައިފި އެވެ. މިއީ ކިތަންމެ ކުޑަކުޑަ ކަމެކޭ ހީވިޔަސް ބިރުހުރި ކަމެކެވެ. މިއަދުން މިއަދަށް ވެސް ކުއްޓުވަން ޖެހިފައިވާ ކަމެކެވެ.