04 Sep 2016, 18:22
ނެޝަނަލް ޑްރަގް އެޖެންސީން ކ. ހިންމަފުށީގައި ހިންގަމުން އަންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި 50 ޓަނުގެ ފެން ޕުލާންޓެއް ބެހެއްޓުމަށް ދައުލަތުގެ ފެން ކުންފުނި، އެމްބަޑްލިޔުއެސްސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ އެ އާރުއޯ ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ.
ފެން ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އެޖެންސީއާ އެމްޑަބްލިޔުއެސްސީއާއެކު ވަނީ އެ މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމެއްގައި، އެމްޑަބްލިޔުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ސޮއިކުރައްވާފައި އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހަސަން ޝަހީލްއެވެ.
ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ އެމްޑީ ފަޒުލް ވިދާޅުވީ، ހިންމަފުށީ ރީހެބުގައި ގާއިމްކުރާ ފެން ޕުލާންޓް ޕްރޮޖެކްޓަކީ އެ ކުންފުނިން އަލަށް ތައާރަފްކޮށްގެން ކުރިޔަށް ގެންދާ "އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" ގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
ޕްރޮޖެކްޓުގެ ދަށުން އާރުއޯ ޕްލާންޓަށް ބޭނުންވާ އާލާތްތައް ރާއްޖޭން ބޭރުން ގެނެސް އުފެއްދުމާއި ހަރުކުރުމުން ފެށިގެން އެ މަސައްކަތް ނިންމާ ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ކަމަށެވެ.
"އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" އަކީ ވިޔަފާރިތަކަށް ލުއިފަސޭހަކަމާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓް ގެ ފުރިހަމަ ސޮލިއުޝަންސް ދިނުމަށްޓަކައި ތައާރަފްކޮށްފައިވާ ޕެކޭޖުތަކެކެވެ.