ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި ކުރިއަށް އޮތް ޓޮޕްކެޓް ވޯލްޑް ކަޕުގައި ރާއްޖޭއަށް ވަނަ ހޯދޭ ވަރަށް ތައްޔާރުވުމަށް ރާވާފައިވާ ކަމަށް އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނެފި އެވެ.

ކްރޮއޭޝިއާގައި ކުރިއަށް ދިޔަ ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް 23 ވަނަ ހޯދައިދިން ޓީމުގައި ހިމެނޭ ގައްބެ މިއަދު ރާއްޖެ އައިސްފައިވާ އިރު، އާދަމް ފައިސަލް (އެޑަމް) އައުމަށް ހަމަޖެހިފައި ވަނީ ފަހުގެ ތާރީހެއްގަ އެވެ.

ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނޭ ގައްބެ އާއި އެޑަމް: ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕުން ގިނަ އެއްޗެހިތަކެއް ދަސްވެފައިވާ ކަމަށް ގައްބެ ބުނޭ --- ފޮޓޯ: ސްލޯޓޭޕްއެމްވީ

"ވަރަށް ބައިވަރު އެއްޗެހިތަކެއް ދަސްވެއްޖެ. އެޑަމް އާއި ގައްބެއާ ހިޔާލުކުރަނީ ވަރަށް ރަނގަޅަށް ތައްޔާރުވެ، މީގެ ދެ އަހަރު ފަހުން އަނެއްކާވެސް ވޯލްޑް ކަޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ވޯލްޑް ކަޕުގައި ގައުމީ ސަލާމް ކިޔޭވަރުވޭތޯ [ރީތި ނަމެއް ހޯދޭތޯ]،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ހުރެ ނޫސްވެރިންނަށް މައުލޫމާތުދެމުން ގައްބެ ބުންޏެވެ.

ޓޮޕްކެޓް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ މުބާރާތް އިންތިޒާމު ކުރާ އިންޓަނޭޝަނަލް ޓޮޕްކެޓް އެސޯސިއޭޝަން (އައިޓީސީއޭ) އިން އެ މުބާރާތް ބާއްވާ ތާރީހަކާއި ގައުމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ގައްބެ ބުނީ، ފުރަތަމަ ދުވަހާއި ފައިނަލް ދުވަހަށް ބަލާފައި ގައްބެ އާއި އެޑަމްގެ ކުރިއެރުމަށް ހުރިހާ ސެއިލަރުން ވެސް ވަރަށް ބޮޑަށް ތައުރީފު ކުރި ކަމަށާއި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ގޮސް އެ ހިސާބަށް ދެވުނީމަ އެންމެން ވެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ވާހަކަ ވަރަށް ބޮޑަށް ފާހަގަކުރި ކަމަށެވެ.

ގައްބެ އާއި އެޑަމް ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ: ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕުން ގިނަ އެއްޗެހިތަކެއް ދަސްވެފައިވާ ކަމަށް ގައްބެ ބުނޭ --- ފޮޓޯ: ސްލޯޓޭޕްއެމްވީ

"މިކަހަލަ ދަތުރަކުން ލިބޭ ތަޖުރިބާ އަކީ އެންމެ މުހިންމު ކަންތައް. އެންމެ މަތީ ފަންތީގެ ސެއިލަރުންނާ އެކު ސެއިލްކޮށްލަން ލިބޭ ކޮންމެ ދުވަހަކީ ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް. ސެއިލަރުންގެ ކިބައިން ވަރަށް ގިނަ ރަނގަޅު ސިފަތަކެއް ފެނިގެންދިޔަ. ދުނިޔޭގެ ޗެމްޕިއަން ކައިރީގައި ވެސް ހީޓްތަކުގެ ކުރީކޮޅު އެއްޗެއް އަހާލިޔަސް ބުނެދޭނެ މިހެން މިހެންނޭ ހަދައިދޭނީ. ގަދަ ދިހައެއްގައި އުޅޭ ކޮންމެ ސެއިލަރެއް ވެސް ކިޔައިދޭ. ޓީމު ވަރަށް ރަނގަޅަށް އެކޮޅަށް ގޮސް، ވަރަށް ހިތްވަރާއެކު މަސައްކަތްކުރި. އެޑަމްގެ މަސައްކަތް ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.

ގައްބެ ބުނީ، މުބާރާތުގައި އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތި ނުވާ ކަމަށާއި ކްރޮއޭޝިއާގައި ދުއްވަން ޖެހުނީ ރާއްޖޭގެ ވަޔަށްވުރެ ތަންކޮޅެއް ގަދަ ވައިގައި ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއަށް ވެސް އަންނަ އެންމެ ވަރުގަދަ ވައި ކަން ވެސް އޭނާ ފާހަގަކުރި އެވެ.

ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖޭގެ ޓީމުގައި ހިމެނޭ ގައްބެ އާއި އެޑަމް ވަނީ މުބާރާތުގެ 23 ވަނަ ހޯދާފައި --- ފޮޓޯ: ސްލޯޓޭޕްއެމްވީ

"ގާތްގަނޑަކަށް އެ ވައި ޖެހެނީ 20 ނޫނީ 25 ނޯޓިކަލް ބާރުމިނުގައި. ގައްބެ ރާއްޖެ ވަށައި ދުއްވި އިރު، އެކަހަލަ ވައިގައި ޖެހިފަ އެބަހުރި. އެކަމަކު އެގޮތަކަށް މުބާރާތެއްގެ ގޮތުގައި ދުއްވައެއް ނަހަދަން. މިހާރު އެނގޭ ގަދަ ވައިގައި ވެސް ދުއްވޭނެކަން. ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ. ގާތްގަނޑަކަށް ދެ ދުވަހުގެ ކޯޗިން ސެޝަންތައް ކުރިއަށްދިޔަ. ގަދަ ވައިގައި އުޅޭނެ ގޮތް ކިޔައިދީފައިވޭ،" އޭނާ ބުންޏެވެ.

ގައްބެ އިތުރަށް ބުނީ، މުބާރާތުގައި ރޭސްތައް ފަށަނީ ގާތްގަނޑަކަށް 38 ވަރަކަށް ކެޓަމަރާން އެއް ލައިނައްގައި އެއްވަރެއްގައި އޮވެ ކަމަށާއި އެ ރޭސް ފަށާއިރު ޓައިމިންއާ އެއްޗެހި ޓެސްޓްކުރަން ފުރުސަތު ލިބިފައިނުވި ނަމަވެސް ތިން ވަނަ ދުވަހުގެ ހީޓުގެ ތިން ވަނަ އަށް އެރުނު ކަމަށެވެ.