އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ބައެއް ބާއްދާތައް ބާތިލްކޮށްދިނުމަށް އެދި ތިން ގާނޫނީ ވަކީލަކު ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މައާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލެވެ.

އެ ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) (ނ) (ރ) އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ނ) (ރ) އާއި 18 ވަނަ މާއްދާގެ (ނ) (ރ) އާއި 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އާއި 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އާއި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި ހަމަ އެ މާއްދާގެ (ށ) ބާތިލްކޮށްދިނުމަށެވެ.

ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ހުކުމް އިއްވަންދެން އެ ގާނޫނު ތަންފީޒު ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް ވެސް ހައިކޯޓުގައި ވަނީ އެދިފައެވެ.

އެ މާއްދާތަކަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ޚިލާފު ބާތިލް މާއްދާތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި ވަނީ އެދިފައެވެ. އަދި އެއަށްފަހު ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށާއި މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ހައިކޯޓުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަދި ރައްޔިތުންނާއި މުއައްސަސާތަކުގެ އާންމު ޚިޔާލުތަކާ އެއްގޮތަށް އަދި ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ރޫހާ އެއްގޮތަށް ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނު އަލުން އިސްލާހުކޮށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ.