ސަރުކާރު ވައްޓަން ބަޔަކު އުޅޭކަން ނޭނގޭ ކަމަށާއި ސަރުކާރެއް ނުވެއްޓޭނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސޯޝިއަލް ކައުންސިލުގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ސަރުކާރު ވައްޓަން ބަޔަކު އުޅޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިސަރުކާރެއް ނުވެއްޓޭނެ ކަމަށާއި ސަރުކާރު ބަދަލުވިޔަސް ބަދަލުވާނީ ވޯޓުން ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރު ވައްޓަން އުޅޭ ކަމަށް ބުނެ ބަޔަކު ދައްކަނީ ދޮގު ވާހަކައެއް ކަމަށް ޖިހާދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް ސަރުކާރު ވައްޓާލަން އުޅޭ ކަމެއް. ސަރުކާރަކީ އެހާ ފަސޭހައިން ވެއްޓޭ އެއްޗެއް ނޫން. ސަރުކާރު ބަދަލުވާނީ ވޯޓުން." ޖިހާދު ވިދާޅުވި އެވެ.

އަލްޖަޒީރާގެ ބޭފުޅުން ނައިބު ރައީސް ޖިހާދާ ބައްދަލު ކުރި ކަމަށާއި އަދި ޖިހާދު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އަލް ޖަޒީރާގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަފުޅުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކާ މެދު ހިތާމަ ކުރައްވާ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ "މީޑިއާތަކުން ގެންނަވާ ވާހަކަތަކުގެ ދޮގުކަން ހާމަވެއްޖެ" ކަމަށެވެ. މީޑިއާތައް އޮންނަން ޖެހޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށް ޖިހާދު ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބޭރުގައި ފިއްލަވައިގެން ތިބެގެން ބަޣާވާތް ކުރާ ވާހަކަ ދައްކަނީ 2018 ވަނަ އަހަރު އޮންނަ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވާތީ ކަމަށް ހޯމް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެެވެ.