06 Sep 2016, 09:11
ފޮޓޯއިން ފެންނަނީ ރަށްފުށު ދިރިއުޅުމުގެ މަންޒަރެއް ނޫނެވެ. ސިޔާސަ ކުއްޖަކު ވެއްޔާ ކުޅޭ މަންޒަރެއް ނޫނެވެ. ފެންކުޅި ކުޅެނިކޮށް ވެއްޓިފައި އޮތް ކުއްޖެއް ވެސް ނޫނެވެ. އެއީ މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކްގައި ކުރިއަށް ދިޔަ މައިލޯ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ދުވުންތެރިއަކު ވެއްޓިފައިވާ މަންޒަރެވެ.
މިދިޔަ ހުކުރު ދުވަހު ހެނދުނު ފެށި މިއަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދުމުގެ އުންމީދުގައި ދުވަމުންދިޔަ، ސ. ހިތަދޫ ސްކޫލްގެ ދަރިވަރު މުހައްމަދު ނާވީ ނަސީރު، ވެއްޓުނީ ރޭސް ޖަހަމުން ދަނިކޮށް "އޮފްބެލެންސް"ވެގެންނެވެ. އޭނާ ވެއްޓުނީ ރޭސް ނިމެން ކުޑަތަންކޮޅަކަށް ވެފައިވަނިކޮށެވެ. ބަނޑުވަތަށް ވެއްޓި ޖެހުމާއެކު އޭނާ ތެދުވަން މަސައްކަތްކުރެއެވެ. ނަމަވެސް އިވުނީ "ވޭނީ އާހު"އެކެވެ. އަނެއްކާވެސް އުއްޑުތިލަމައްޗަށް ވެއްޓުނީއެވެ.
ވެހުނު ބޯ ވާރެއާއެކު މި ދުވުންތެރިޔާ މުޅި އަހަރު ދުވަހު ކުރި މަސައްކަތް ފެނަށް ދިޔައީއެވެ. ޓްރެކްގައި ހެދިފައި ހުރި ވަޅުކޮޅުތަކާއި ޗަކަ ފެންގަނޑުގެ ސަބަބުންނެވެ.
އެފަދަ ކިތަންމެ އަނިޔާތަކެއް މިފަހަރުގެ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތް ކުރިއަށްދިޔަ އިރު އެ މުބާރާތުގެ ބައިވެރީން ތަހައްމަލު ކުރިއެވެ. އޭގެ ތެރެއިން ވެސް ނާވީމެންގެ ޓީމުގައި ހިމެނޭ، އަލްހާ ހުސައިނަކީ، މުޅި ޓީމުގައި ވެސް އެންމެ އުންމީދީ އެއް އެތުލީޓެވެ. ނަމަވެސް އަލްހާއަށް ވެސް ދިމާވީ ހަމަ އެފަދަ ހާލެކެވެ. ދުވެދުވެ ހުއްޓާ ކައްސާލައިގެން ވެއްޓި، މޫނާއި އުނަގަނޑު ފަދަ ތަންތަން މަށައިގެންގޮސް ބޮޑެތި އަނިޔާތަކެއް ލިބުނީއެވެ. ލިބުނު އަނިޔާތަކާއެކު ވެސް އަލްހާ ވަނީ ކަށިންހިތްވަރު ނެރެ، ރިހިމެޑެއްޔަކާ ހަމައަށް ވާސިލްވެފައެވެ.

އިންޓަރސްކޫލް އެތުލެޓިކްސް 2016ގެ 13 އަހަރުން ދަށުގެ ބައިގައި ވާދަކުރި ސ. ހިތަދޫ ސްކޫލްގެ ދަރިވަރު އަލްހާ ހުސައިން، ދުވަނިކޮށް ވެއްޓި މޫނާއި ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައި -- ސަން ފޮޓޯ: ޚަލީލު
ހިތަދޫ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރ ހަސަން ޚަލީލް (ހައްލު) ވިދާޅުވި ގޮތުން، އޭނާގެ ޓީމަކީ މީގެ ދޮޅުމަހެއްހާ ދުވަސްކުރީން ޏ. ފުވައްމުލަކުގައި ބޭއްވި އެތުލެޓިކްސް އިވެންޓެއްގައި ރަންމެޑަލް ހޯދި ޓީމެކެވެ. ނަމަވެސް މިފަހަރުގެ އިންޓަސްކޫލް މުބާރާތުގައި އެޓީމަށް އުންމީދުކުރިވަރާ ގާތަށްވެސް ނުދެވުނެވެ. ކުދިންގެ ހުނަރާއި ފެންވަރު ނެތީކީ ނޫނެވެ. ނަމަވެސް ދުވަން އޮތް ޓްރެކްގެ ސަބަބުން ކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބި ރަނގަޅަށް ޕާރފޯމް ނުކުރެވުނީއެވެ.
"މޫސުމަކީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން. އެކަމަކުވެސް، ޓްރެކްގެ ހާލަތު ވަރަށް ދަށް. ވަޅުކޮޅުތަކާއި ގަލާއި ޗަކަ ހުރުމުގެ ސަބަބުން، ވަރަށް ގިނަ ކުދިންތަކަކަށް އެ ކުދީންގެ އަސްލު ޕާރފޮމަންސް ނުދެއްކުނު. އަޅުގަނޑުމެން މި މައްސަލަ ވާނީ މުބާރާތް އިންތިޒާމްކުރެއްވި ބޭފުޅުންގެ ސަމާލުކަމަށްވެސް ގެނެސްފައި،" ހައްލު ވިދާޅުވިއެވެ.

އިންޓަރސްކޫލް އެތުލެޓިކްސް 2016ގެ 13 އަހަރުން ދަށުގެ ބައިގައި ވާދަކުރި ސ. ހިތަދޫ ސްކޫލްގެ ދަރިވަރު އަލްހާ ހުސައިން -- ސަން ފޮޓޯ: ޚަލީލު
އެތުލެޓިކްސް އަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ، އަދި އެންމެ ގިނަބަޔަކު ޝައުގުވެރިވާ ކުޅިވަރެވެ. އެކަން އިއްޔެ ނިމިގެން ދިޔަ ސްކޫލްތަކުގެ އެތުލެޓިކްސް މުބާރާތުން ވެސް ފެންނާނެއެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 31 ސްކޫލަކުން 961 ދަރިވަރަކު ބައިވެރިވިއެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ގިނަ ކުޅުންތެރީން ވާދަކުރާ މުބާރާތެވެ.

ވިއްސާރައިގެ ސަބަބުން މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ފެން ހެދިފައި -- ފޮޓޯ: އަބްދުﷲ އަބީދު
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް ވިދާޅުވި ގޮތުގައި، މިފަދަ ބޮޑު އިވެންޓެއް ކުރިއަށް ގެންދާނެ ރަނގަޅު ޓްރެކެއް މާލޭގައި ނެތެވެ.
"ހަގީގަތުގައި މިފަދަ މުބާރާތެއް ބޭއްވޭ ވަރުގެ، އަދި މުބާރާތަކަށް ޓްރެއިނިންގ ހަދާލެވޭވަރުގެ ވެސް ރަނގަޅު ތަނެއް މާލޭގައި ނެތް. މާލޭގެ ޓްރެކަށްވުރެ އައްޑޫ އަދި ފުވައްމުލަކުގެ ޓްރެކްވެސް މާ ރަނގަޅު،" ޠަލާލް ވިދާޅުވިއެވެ.
މިފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް އިވެންޓާ ދިމާކޮށް ވިއްސާރަވުމުން، އެ އިވެންޓްކުރިއަށް ގެންދިއުމުގައި ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.
"ޓްރެކްގަ މިހުންނަނީ ވަޅުވަޅުކޮޅު ހެދިފައި. ދެން އެތަންތަން އެއްވަރު ކޮށްލައިގެން ކުރިއަށް ގެންދެވޭތޯ ބަލަނީ. އެހެން ނަމަވެސް ވާރޭ ވެހުމުން ފެންގަނޑު ހެދުނީމަ، ދެން އެތަނަށް ފަސްކޮޅެއް އެޅިޔަސް މިވާގޮތަކީ އެތަން މާބޮޑަށް ޗަކަވަނީ. އަދި މާބޮޑަށް ކައްސާލާގޮތްވަނީ. އެހެންވެ ބައެއް އިވެންޓްތައް ޝެޑިއުލަަށް ވުރެ ފަސްކުރާން ވެސް ޖެހިފައި އެބަހުރި،" ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ވަނީ، ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ޒުވާނުންގެ ސިޓީ، ނުވަތަ ހުޅުމާލޭ ޔޫތު ސިޓީގައި ވަރަށް ހަލުއިކަމާއެކު ސިންތެޓިކް ޓްރެކެއް ހަދަމުން އަންނަ ވާހަކަ ބުނެފައެވެ. މިއީ ރާއްޖޭގެ އެތުލީޓުންނަށް އުންމީދީ ޚަބަރެކެވެ. ނަމަވެސް ކިހާ އަވަހަކަށް މިކަން ހަގީގަތަކަށް ވާނެބާއެވެ؟

ހުޅުމާލޭ ޔޫތު ސިޓީގައި ތަރައްގީކުރަމުން އަންނަ ސިންތެޓިކް ޓްރެކް -- ފޮޓޯ: ޔޫތު މިނިސްޓްރީ
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޓްރެކްގެ ބޭނުން ހިފޭވަރު ވާނޭކަމަށް އުންމީދުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނާ ހިއްސާކުރަމުން ދަނީ އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް. މިހާރު ޑްރެއިނޭޖް މަސައްކަތް ނިމެނީ. އިންޓަނޭޝަނަލް ސާރފޭސްއެއް އެތަނުގައި ހަދަނީ. އެހެންކަމުން އަޅުގަނޑުމެންނަށް މުބާރާތްތައް ބާއްވަން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ،" ޠަލާލު ވިދާޅުވިއެވެ.
މާލެއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު، އަދި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ބިމެވެ. ބިމުގެ ނިސްބަތަށްވުރެ މީހުންނާ ދުއްވާ ތަކެތި ގިނަ މި ރަށަށް އަދިވެސް މީހުން ޖަމާވަމުންދާއިރު މިތަނުގައި ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ މީހުން ކަސްރަތުކޮށްލަން ވެސް އޮންނަނީ ހަމަ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑެވެ. ނުވިތާކަށް މާލޭގައި މިހާރު ބޮޑު ހަރަކާތެއް ބޭއްވިޔަސް، މިއުޒިކް ޝޯއެއް ބޭއްވިޔަސް އެކަމެއްވެސް މިއޮންނަނީ އެތަނުގައެވެ. ސްޓޭޖެއް އަޅަން، ނޫނީ ޓެންޓެއް ޖަހަން މިފަދަ ކޮންމެވެސް ކަމެއްގައި ދަނޑުގެ އެކި ތަންތަނަށް ދަގަނޑު ހޮޅިޖަހަން ކޮންނަ ވަޅުކޮޅުތައްވެސް އެގޮތަށް ހުންނަނީއެވެ. މުޅި ޓްރެކް ދަނޑު އޮންނަނީ އޮއްވަޅުގޮނޑިއަކަށް ހަދާލައިފައެވެ.

އިންޓަސްކޫލް އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގައި ވާދަކުރި ސ. ހިތަދޫ ސްކޫލްގެ ޓީމް -- ފޮޓޯ: އަބްދުﷲ އަބީދު
ފުރިހަމަ ވަސީލަތްތަކެއް ހުރިނަމަ ހަސަން ސާއިދުފަދަ އެތަކެއް އެތުލީޓުންނެއް މި ބިމުން ފެނިގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެފަދަ ހުނަރުވެރި އެތަކެއް ކުދީންނެއް މިފަހަރުގެ މުބާރާތުންވެސް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް، އެކުދީންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރެވޭނީ އެފަދަ ތަމްރީނުތަކެއް ހެދޭނޭ ވަސީލަތްތަކެއްވެސް ހުރެގެންނެވެ.
ދިވެހި އެތުލީޓަކު ބައިނަލްއަގްވާމީ މުބާރާތަކުން ރަން މެޑައްޔެއް ހޯދައިފިއްޔާ އެވާހަކަ ވަރަށް ފޯރިއާ އެކު ދައްކާނެއެވެ. އަދި އެ އެތުލީޓެއް މެދުވެރިކޮށް ނެގެންހުރި ހުރި ފައިދާތައްވެސް ނަގާނެއެވެ. ނަމަވެސް އެފަދަ އެތަކެއް އެތުލީޓުން ރާއްޖެއަށް ރަންވަނަތައް ހޯދައިދިނުމަށް ވަމުންދާ ގުރުބާނީތައް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ.