04 Sep 2016, 17:23
ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރު ފެންބޭރު ކުރުމަށް ޕޭމަންޓު މަތީގައާއި މަގުމަތީގައި ހޮޅި އަޅާފަ ހުންނަ ހުރުމަށް ހައްލެއް ގެނައުމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޑީވޯޓަރިން ނިޒާމެއް ގާއިމް ކުރުމަށް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ޑީވޯޓަރިންގެ ނިޒާމެއް ގާއިމް ކުރެވި ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް އެކަމުން ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގެ ހުޅަނގު ފަރާތުން ދެސަރަހައްދެއްގެ ސީ އައުޓްފޯލް ތައް މިހާރު ހުރި ދިމާލުން ކެންސަލްކޮށް ސިނާއީ އަވަށުގެ ތެރެއިން ހޮޅި ޑައިވާޓު ކުރެވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ތިން ޕަމްޕު ސްޓޭޝަނެއްގެ ލައިން ރީރީޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަހެއްހާ ދުވަސްތެރޭގައި ހައްލަކާ ހަމައަށް ވާސިލް ވެވޭނެކަމަށްވެސް ފަޒުލް ވިދާޅުވި އެވެ. އަދި އެ މަޝްރޫއު ނިމުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ހުޅަނގުފަރާތުގެ ދެ ސަރަހައްދުގެ ސީ އައުޓްފޯލްތައް ސިނާއީ އަވަށަށް ޑައިވާޓު ކުރަނީ އެމްޑަބްލިއުއެސްސީގެ އަމިއްލަ ހަރަދުގަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޑީވޯޓަރިން ނިޒާމާއި ސީއައުޓްފޯލް ޑައިވާޝަން އަށް ބޭނުންވާ ޕަމްޕު ސްޓޭޝަން ގާއިމް ކުރުމަށް އަލަށް ހިއްކާފައިވާ ސިނާއީ އަވަށުން އެމްޑަބްލިއުއެސްސީ އަށް ބިމެއް ހަމަޖައްސަވައިދެއްވާ އެކަމުގެ އެއްބަސް ވުމުގައިވެސް ސޮއިކޮށްފަ އެވެ.