01 Jun 2011, 14:45
އަންހެނުން އެމީހުންގެ އަންހެން ވަންތަކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެއީ އަގަށް ވިއްކާ އެއްޗެއް ކަމަށް ހަދަން ފެށި ތާރީހެއް އެނގޭކަށް ނެތެވެ. ނަމަވެސް އާކިއޮލޮޖިސްޓުން ހޯދާފައިވާ ހޯދުންތަކާއި އެކި ގޮތްގޮތަށް ލިޔެވިފައިވާ ތާރީހީ ފަތްފުއްތަކުން އެނގޭ ގޮތުގައި އެކަމަކީ މީގެ އެތައް ހާސް އަހަރެއްގެ ކުރިން ފެށިގެން ވެސް ހިނގަމުން އައި ހުތުރު އަމަލެކެވެ.
ގްރީކް ހަޟާރާތް
ގްރީކްގެ ތާރީހު ދިރާސާކުރައްވާފައިވާ ގިނަ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ގްރީކް ހަޟާރާތުގައި އަންހެނުންނާއި ފިރިހެނުން ވެސް އަޅުވެތިކޮށް އެމީހުންގެ ހަށިވިއްކައިގެން އާމްދަނީ ހޯދުން އޮތީ އާއްމު ކަމަކަށް ވެފައެވެ. އެގޮތުން އީސާގެފާނުގެ މީލާދުގެ 500 އަހަރު ކުރިން ފެށިގެން ގްރީސްގައި ހަމަ އާއްމުކޮށް މީހުންނަށް ހުޅުވާލައިގެން ހަށިވިއްކާ މަރުކަޒުތައް ގާއިމްކޮށްގެން އެކަން ކޮށްފައި ވެއެވެ.
މާމޮޅު ހަޟާރާތްތަކެއް ކަމަށް ހުޅަނގުގެ ތާރީހު އިލްމުވެރިންނާއި ފިލޯސޮފަރުން މަޝްހޫރު ކުރަމުންދާ އެ ހަޟާރާތުގައި އަންހެން ވިޔަސް ފިރިހެން ވިޔަސް ޔަތީމަކު ވެއްޖެއްޔާ ބޮޑުވާން ޖެހެނީ ހަށިވިއްކާ މީހެއްގެ ގޮތުގައެވެ. އެއީ މައިން ބަފައިން މަރުވުމަށް ފަހު އަޅާލާނެ މީހަކު ނެތި ތިބެން ޖެހޭ ކުދިންނާ މީހުން ހަވާލުވަނީ އެކަން ކުރުމަށް ކަމަށް ވާތީއެވެ. މިއީ އިސްލާމް ދީން އައުމުގެ ކުރިން ވެސް އަރަބީންގެ ތެރޭގައި މިކަން ކޮށްފައިވާ ގޮތް ނޫންކަން ތާރީހުން ފެންނަން އެބަ އޮތެވެ.
އޭޝިޔާ
ދުނިޔޭގެ އެންމެ ގިނަ މީހުން މިހާރު ދިރިއުޅޭ އޭޝިޔާގައި ހަށިވިއްކުމުގެ ނުބައި އަމަލު ޖާހިލިއްޔަ ޒަމާނުގައި ކުރަމުން އައީ އެކަމަށް ގާނޫނީ ހިމާޔަތް ވެސް ލިބޭ ގޮތަށެވެ. އިސްލާމްދީން އައުމުގެ ކުރިން އީރާނާއި އިރާގުގައި އޮންނަ އާދައަކީ ހަށިވިއްކާ އަންހެނާއަށް ގަންނަ މީހާ ވަކި އަގެއް ދިނުމުން އެދެމީހުން ވަގުތުކޮޅަކަށް ކައިވެނި ކުރި ކަމަށް ބެލުމެވެ.
ދުނިޔޭގެ ގިނަ ތާރީހު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މިކަން ހުއްޓުމަކަށް ގެންނެވީ ކައު އިތުރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި އަމުރު ފުޅަކާ ގުޅިގެން މުސްލިމުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. އޭރު އަރަބި ޖަޒީރާއަށް ވެސް ފެތުރިފައި އޮތް އެކަންތައް ރަސޫލާ މަނާކުރެއްވި އެވެ. އަދި އިސްލާމީ ދައުލަތް ކުރިއަރައިގެން ދިޔަ ދުވަސްވަރު އިސްލާމީ އުއްމަތުގެ ފާތިހުން އެކަން ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރެއްވިއެވެ.
ޔޫރަޕް
ޔޫރަޕްގެ ރެނެއިސަންސްގެ ދުވަސްވަރު ކާޓިއަރޒްގެ ނަމުގައި އުފެދެން ފެށި ހަށިވިއްކާ އަންހެނުންނަކީ މަތީ ފަންތީގެ މީހުންނަށް ހާއްސަ ބައެއް ކަމުގައި ވިއެވެ. ބަހަނާއެއްގެ ގޮތުގައި ޔޫރަޕްގެ ތާރީހު އިލްމުވެރިން ބުނަނީ އެދުވަސްވަރު ސިޔާސީ ބޭނުމަށް ނުވަތަ ވަކި ދަރިކޮޅެއް ދެމެހެއްޓުމަށް ބޭނުންވާތީ ކުރި ގިނަ ސިޔާސީ ކައިވެނިތަކަށް ފަހު ކައިވެނި ކުރާ ދެމީހުން ވެސް ވަކިން އުޅެން ބޭނުންވުމެވެ. އެހެންވެ އެފަދަ " ބޭބޭފުޅުންގެ ގަނޑުވަރުތަކުގެ ހާދިމާއިންގެ ގޮތުގައި މަސައްކަތް ކުރަން އުޅޭ އަންހެނުންނާ ގުޅުންތައް ހިންގަން ފެށިއެވެ. އެކަމަށްޓަކައި "އެބޭފުޅަކު" އަގުހުރި ހަދިޔާތައް ދެއެވެ.
މެދު ޒަމާނުގައި ކައިވެރިން ބޭރު ބައެއް ކަހަލަ ގުޅުންތަތަކަކީ ފާފައެއް ކަމުގައި ރޯމަން ކެތަލިކް ޗާޗްތަކުން ބަލަމުން ދިޔަ ނަމަވެސް ހަށިވިއްކުން އޮތީ ޖާގަ ދީފައެވެ. ނަމަވެސް އޭރު އެކަމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމުގައި އަދި އެއްވެސް ފާދިރީއަކު ނުބުނެއެވެ. ނަމަވެސް ގައުމުތަކުގެ ވެރިން އެކަމަށް ޖާގަ ދިނީއެވެ. އެމީހުން އެކަން އެގޮތަށް ކުރުމަށް ދެއްކި ބަހަނާއަކީ ޖިންސީ ކުށްތައް ކުރުން އެދުވަސްވަރު ޔޫރަޕްގައި ހައްދުފަހަނަ އަޅަމުންދާތީ އެކަންތައްތަކުން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ގާނޫ ގޮތުން ހުއްދަ ގޮތެއްގައި އެމީހުންގެ އެދުންތައް ފުއްދުމަށް ފުރުސަތު ދިނުމެވެ.
ރޯމަން އެމްޕަޔަރުން ރާވައިގެން ހިންގަމުން އައި ހަށިވިއްކުމުގެ ހަރަކާތްތައް ހުއްޓެން ފެށުމުމުން އޭރު ހަށިވިއްކަން އުޅުނު މީހުން ބަދަލުވެގެން ދިޔައީ އަޅުންނަށެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ވިޔަފާރިއަށް ބަދަލުވަމުން ގޮސް ހަށި ވިއްކުމަކީ ވެސް ފުޅާދާއިރާއެއްގައި ހާމަކަން ބޮޑު ގޮތެއްގައި ކުރާ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައެވެ.
ޔޫރަޕްގައި ހަށިވިއްކުމުގެ މުޑުދާރު އަމަލު އާއްމުވެގެން ގޮސް ، ޔޫރަޕްގެ އެންމެ ގިނަމީހުން ތަބާވާ ދީން ކަމަށްވާ ނަސޯރާ ދީނުގައި އެކަމަކީ ހުއްދަ ކަމެއް ކަމަށް ހެދީ ޕޯޕް ސިކްޓަސް ހަވަނައެވެ. އޭނާއަކީ މީލާދީން 1471 ން 1484 އަށް ވެޓިކަންގެ ޕޯޕަކަށް ހުރި މީހާއެވެ.
ދުނިޔޭގައި ވަނިވިހާ ހުތުރުކަން ބޮޑު ނުބައިކަންތައްތައް ކުރުމުގައި ހައްދު ފަހަނަ އަޅާފައިވާ ޔޫރަޕްގައި ހަށިވިއްކުން އެއީ " އޯކޭ" ކަމަކަށް ހަދައިގެން އުޅެނިކޮށް އެކަމާ ދެކޮޅަށް ބޮޑު މަސައްކަތެއް ކުރަން މަޖުބޫރުވީ މީލާދީން 1494 ވަނަ އަހަރުއެވެ. އެއީ ޖިންސީގުޅުމުން އަރާ ނުރައްކާތެރި ބައްޔެއްކަމަށްވާ ސިފިލިސް އިޓަލީގެ ނޭޕްލްސްގައި ފެތުރެން ފަށައި ފަހުން އެބަލި މުޅި ޔޫރަޕަށް ފެތުރެން ފެށުމުންނެވެ. އެހިސާބުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ހުރި ހަށިވިއްކާ ތަންތަން ބަންދުކުރަން ފެށީ އެކަން ނައްތާލުމަށް އަމާޒުކޮށްގެންނެވެ.
އެމެރިކާ
އެމެރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ ނަން ހިނގާ ގައުމު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސްގައި ހަށިވިއްކުން އޮތީ ޒަމާނުއްސުރެ ހުއްދަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް 1910 ން 1915 އަށް އެގައުމުގައި އެކަން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި މަނާކުރިއެވެ. އެއީ އެދުވަސްވަރު އުފެދުނު ނުފޫޒު ގަދަ ޔޫނިއަން އެއްކަމަށްވާ ވޮމެންސް ކްރިސްޓިއަން ޓެމްޕަރެންސް ޔޫނިއަން އިން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. 1915 ވަނަ އަހަރުން ފެށިގެން އެމެރިކާގައި އަނެއްކާވެސް އެކަން ހުއްދަވެފައި އޮއްވާ 1917 ވަނަ އަހަރުން އެމެރިކާއިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއަށް ވަންނަން ވެގެން އަސްކަރީ ހުރިހާ މަރުކަޒް ތަކެއްގެ ކައިރީގައި ހުރި ހަށިވިއްކާ ތަންތަން ބަންދުކުރުމަށް އަމުރުކުރެއްވިއެވެ.
ހުޅަނގު ޔޫރަޕްގެ ބޮޑު ބައެއްގައި ހަށި ވިއްކުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމުގައި ހަދާފައި އޮތް ނަމަވެސް ޔުނައިޓެޑް ސްޓޭޓްސްގެ އެންމެ ސްޓޭޓެއް ފިޔަވާ ހުރިހާ ސްޓޭޓެއްގައި ވެސް އެކަމަކީ ގާނޫނީ ކުށެކެވެ.
އޭޝިޔާގެ މަދު ގައުމެއްގައި އެކަން ހުއްދަކޮށްފައި އޮތް ނަމަވެސް ވިޔަފާރިއެއްގެ ގޮތުގައި އެކަން ކުރަމުން އަންނަނީ ހަމަ އެކަނި ތައިލެންޑްގައެވެ.
ހަށިވިއްކުމަކީ އިންސާނިއްޔަތަށް ހުރި ހަލާކެއް ކަމަށް ބުނެ ދުނިޔޭގެ މޮޅު އެތައް ސިއްހީ މާހިރުންނެއް އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ އެތައް ޖަމިއްޔާ ތަކެއްވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އުފެދިފައެވެ. ނަމަވެސް ހުރިހާ ކަމެއްގައި މާއްދިއްޔަތަށް ގޮސް ހުސްވެ، ކޮންމެ ކަމަކަށް ސަބަބުތަކަކާއި ބަހަނާ ތަކެއް ދައްކަމުން ދާތީ މިކަމުގައި އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިފައެވެ.
ދުނިޔޭގެ ތާރީހު އިލްމުވެރިން އެކި ސަރަހައްދުތަކަށް ބަލާ ދިރާކޮށްގެން ލިޔެފައިވާ ލިއުން ތަކަށް ބަލާއިރު ހަށިވިއްކުން ފުރަތަމަ ފެށިގެން އައިސް ފައިވާ ކަމަށް ބެލެވެނީ ރަސްކަމުގެ ކޮއިލު ތެރެއަށާއި އިއްޒަތްތެރިންގެ ގެކޮޅުތަކަށް ހާދިމާއިންގެ ގޮތުގައި އަންހެނުން ގެންދަން ފެށި ހިސާބުންނެވެ. އެންމެ ކުރީގެ ހަޟާރާތްތަކުންވެސް ފެންނަން އޮތީ އެގޮތަށެވެ. މަސާޖުކރުން ނުވަތަ ފެންވަރުވައި ދިނުމުގެ ނަމުގައި އެކަން ކޮށްފައި ވަނީ ބައެއް އިސްލާމީ ގައުމުތަކުގައި އެކަންޏެވެ. )މައުލޫމާތު ތައް ނަގާފައި ވަނީ ގިނަ އަދަދެއްގެ އިންޓަނެޓް ވެބްސައިޓްތަކުންނެވެ(