05 May 2010, 10:10
14:30
އ.ދ ން އީރާނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ނުފޫޒުގެ ދަށުން އިތުރުކޮށްފިނަމަ އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އީރާނުގެ ރައީސް މަހުމޫދު އަހުމަދީނީޖާދު ދެއްވައިފި އެވެ.
ނިއުޔޯކްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދީނީޖާދު ވިދާޅުވީ އ.ދން ކިތަންމެ ވަރަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިޔަސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކަށް ބަދަލެއް ނާންނާނެ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފާނެތީ އީރާނުން ބިރެއް ނުގަންނާނެ ކަމަށެވެ. އެހެންނަމަވެސް މިކަންތައްތަކަކީ އީރާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން ދަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އީރާނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް އ.ދ ގައި މަސައްކަތްކުރަމުންނެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ނިއުކްލިއާ ޓެކްނޮލޮޖީގެ އެހީގައި އީރާނުން ބޭނުންވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމުގެ ހަމައެކަނި މަގްސަދަކީ ނިއުކްލިއާ ހަކަތަ އުފެއްދުން ކަމަށެވެ.