04 Sep 2016, 15:23
އެއްވެސް ގައުމެއްގައި ބަޣާވާތް ކުރަން އުޅޭ ބަޔަކު އެކަމުގެ ވާހަކައެއް ނުދައްކާނެ ކަމަށާއި ރާއްޖޭގައި ބަޣާވާތެއް ކުރަން ކަމަށް ބުނެ ވާހަކަދައްކަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ސޯޝިއަލް ކައުންސިލުގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ބަޣާވާތްކޮށްގެން ސަރުކާރު ވެއްޓެމުންދާއިރު ވެސް މީޑިއާތަކަށް ނާރާނެ ކަމަށާއި އެހެންކަމުން ބަޣާވާތް ކުރަން އުޅޭ ކަމަށް ބުނެ ދައްކަނީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބޭރުގައި ފިއްލަވައިގެން ތިބެގެން ބަޣާވާތް ކުރާ ވާހަކަ ދައްކަނީ 2018 ވަނަ އަހަރު އޮންނަ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވާތީ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ބަޣާވާތަކީ އެހާބޮޑަށް އެނގިގެން ކުރާކަމެއްވެސް ނޫން. އެހެންވީމާ އެބަ އެނގޭ އެއީ އަސާސެއް ނެތް އެއްޗެއްކަން. މިއީ ހަގީގަތެއް ނޫން. މިއީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފައްދަން ދައްކާ ވާހަކަ،" އަޒްލީން ވިދާޅުވި އެވެ.
ރާއްޖޭގެ ސަރުކާރުގައި ވެސް އެންމެ ކުރުމުއްދަތުގައި މުއައްސަސާތަކަށް ޖަވާބު ދާރީވެވުނު ސަރުކާރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް އަޒްލީން ވަނީ ފާހަގަކުރައްވައިފަ އެވެ.
މިއަދުގެ ނޫސްކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ސަރުކާރު ވައްޓަން ބަޔަކު އުޅޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިސަރުކާރެއް ނުވެއްޓޭނެ ކަމަށާއި ސަރުކާރު ބަދަލުވިޔަސް ބަދަލުވާނީ ވޯޓުން ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރު ވައްޓަން އުޅޭ ކަމަށް ބުނެ ބަޔަކު ދައްކަނީ ދޮގު ވާހަކައެއް ކަމަށް ޖިހާދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް އެނގިފައެއް ނެތް ސަރުކާރު ވައްޓާލަން އުޅޭ ކަމެއް. ސަރުކާރަކީ އެހާ ފަސޭހައިން ވެއްޓޭ އެއްޗެއް ނޫން. ސަރުކާރު ބަދަލުވާނީ ވޯޓުން." ޖިހާދު ވިދާޅުވި އެވެ.
އަލްޖަޒީރާގެ ބޭފުޅުން ނައިބު ރައީސް ޖިހާދާ ބައްދަލު ކުރި ކަމަށާއި އަދި ޖިހާދު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އަލް ޖަޒީރާގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަފުޅުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.