ކާބުލް (ސެޕްޓެމްބަރު 4): އަފްގާނިސްތާނުގައި ދަތުރު ކުރަމުންދިޔަ ބަހަކާއި ތެޔޮ ޓޭންކަރެއް ޖެހި، ދެއުޅަނދުގައި ރޯވުމުގެ ސަބަބުން 36 މީހަކު މަރުވެއްޖެ އެވެ.

ކަންދަހާރުން ކާބުލް އަށް ދަތުރު ކުރަމުން ދިޔަ އެބަހުގައި ރޯވުމުގެ ސަބަބުން ބަހުގައި ތިބި ގިނަ މީހުން ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެހާދިސާގައި 36 މީހަކު މަރުވުމުގެ އިތުރުން 25 މީހަކަށް އަނިޔާވި އެވެ.

އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހާދިސާ ހިނގި ޒަބުލް ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު، ގުލް އިސްލާމް ސިޔާލް ވަނީ އެއެކްސިޑެންޓު ހިނގީ ދެއުޅަނދު ދުއްވަން ތިބި މީހުން ވެސް ފަރުވާ ކުޑަ ކުރުމުން ކަމަށް ވިދާޅުވެފަ އެވެ.

ކަންދަހާރާއި ކާބުލްއާ ދެމެދު އޮންނަ މަގަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަރަކާތްތައް ހިނގާ ސަރަހައްދެއް ކަމުން އެސަރަހައްދުން ބާރަށް ދުއްވުމަކީ ބައެއް ޑުރައިވަރުން އާއްމުކޮށް ކުރާ ކަމެކެވެ.

މިދިޔަ މޭ މަހު ހިނގި އެފަދަ އެކްސިޑެންޓެއްގައި ދެ ބަހާއި ތެޔޮ ޓޭންކަރެއް ޖެހުމުގެ ސަބަބުން 73 މީހަކު މަރުވެފައިވެ އެވެ. (ބީބީސީ)