04 Sep 2016, 15:11
ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ އިންޑިއާގެ ގާނޫނުތަކުން މިހާރު މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް އަދިވެސް އެކަމަށް ހުއްޓުމެއް އައިސްފަ އެއް ނުވެއެވެ.
މިދިޔަ މަހު ވެސް އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި މިވަނީ އެފަދަ މައްސަލައެއް ފެންމަތިވެފައެވެ. އޯގަސްޓު މަހުގެ 19 ވަނަ ދުވަހު އަންދްރާ ޕްރަދޭޝްގެ ނެއްލޯރު ސިޓީގައި މާބަނޑު އަންހެނެއްގެ ބަނޑަށް ވަނީ އެސިޑު އަޅައިފައެވެ.
ޚަބަރުތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ގިރީޖާގެ ނިދާފައި އޮއްވައި އޭނާގެ ބަނޑަށް އެސިޑު އަޅާފައި ވަނީ އޭނާގެ ފިރިމީހާގެ އާއިލާ މީހުންނެވެ. ގިރީޖާގެ ބަނޑަށް އެސިޑު އަޅާފައި ވަނީ އޭނާއަށް ލިބެނީ އަންހެން ކުއްޖެއް ކަން އާއިލާއަށް އެނގުމުންނެވެ.
ގިރީޖާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ދިން ހަމަލާއަށް ފަހު، އަވަށްޓެރިން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބަނޑުގެ 30 ޕަސެންޓު ފިހިފައި ވާއިރު، މިހާރު އެނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.
ގިރީޖާ މިހާރު ވަނީ އޭނާގެ ފިރިމީހާގެ އާއިލާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. އަދި އޭނާގެ ފިރިމީހާ އާއި ބަފައިބެ ހައްޔަރުކޮށް އެމީހުންގެ މައްޗަށް މީހަކު މަރާލަން މަސައްކަތް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ.
ގިރީޖާއާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން، އޭނާގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމަށް ޕަންޑިތަކު ބުނުމާ އެކު މައިދައިތަ ވަނީ އޭނާ އާ ދިމާކޮށް ބަހުގެ ހަމަލާތައް ދޭން ފަށައިފައެވެ. އަދި އިންޒާރުދީ، އަންހެން ކުއްޖަކު ލިބޭތީ އެކަމުގެ "ބަދަލެއްގެ" ގޮތުން ފައިސާ ދޭން ވެސް ބުނި ކަމަށް ގިރީޖާ ވަނީ ބުނެފައެވެ.
ގިރީޖާ ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިންނެވެ. އެ ކައިވެންޏަށް ފުރަތަމަ ވެސް ލިބުނީ އަންހެން ކުއްޖެކެވެ.
އިންޑިއާގެ ގިނަ ހިސާބުތަކުގައި އަންހެން ކުދިން ލިބުމަކީ ބަދުނަސީބެއް ކަމަށް ގަބޫލު ކުރާއިރު، ބައެއް ހިސާބުތަކުގައި ފިރިހެން ކުދިންނަކީ ބަދު ނަސީބެއް ކަމަށް ވެސް ގަބޫލު ކުރެއެވެ.