އޭއެފްސީ އޭޝިއަން ކަޕް 2019، ކޮލިފިކޭޝަން ޕްލޭ އޮފްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ލާއޯސްގެ ގައުމީ ޓީމް ބައްދަކުރާ ފުރަތަމަ ލެގުގެ މެޗަށް ލާއޯސް ޓީމު މިއަދު މާލެ އަތުވެއްޖެ އެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ލާއޯސް ޓީމު ރާއްޖެ އައިސްފައިވާ އިރު، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޓީމަށް މަރުހަބާ ކިޔާފައި ވަނީ، އެފްއޭއެމްގެ ދެ އޮފިޝަލެކެވެ.

ކޮލިފިކޭޝަންގައި ރާއްޖެއާއި ލާއޯސް ކުޅޭ ފުރަތަމަ ލެގްގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، އަންގާރަ ދުވަހު ރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ. އަދި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ލާއޯސްގަ އެވެ.

ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމީ ޓީމުން ވަނީ، ބަންގުލަދޭޝްގެ ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. ބަންގާޅުގެ އެތަކެއް ހާސް ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑު ފުރާލި އެ މެޗުން ރާއްޖެ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅޭ އެ މެޗުގެ ޓިކެޓް މިއަދު ހަވީރު 4:00ގައި ވިއްކަން ފަށާނޭ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓް ކައުންޓަރުން މިއަދު ހަވީރު ޓިކެޓް ވިއްކަން ފަށާ އިރު، އެ މެޗަށް 6300 ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ.

"ޓިކެޓްތަކުގެ އަގުތައް ހުންނާނީ 50 ރުފިޔާ، 100 ރުފިޔާ އަދި 150 ރުފިޔާއަށް،" ބައްސާމް ވިދާޅުވި އެވެ.

ކުރިއަށް އޮތް މެޗަކީ ގައުމީ ޓީމަށް ވަރަށް މުހިއްމު މެޗެއްކަން ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ، ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް ދިވެހި ސަޕޯޓަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ.