04 Sep 2016, 15:00
ލަންކާއިން ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމަށް ބުނެ ލަންކާގެ މައި އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން މިއަދު ބުނި ގޮތުގައި، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ ދިވެއްސެކެވެ.
މާލެ އަންނަން އުޅުނު އެ މީހާގެ އަތުގައި 45000 ޑޮލަރު (691،200 ދިވެހި ރުފިޔާ) ހުރި ކަމަށާއި އެ ފައިސާ ހުރީ އޭނާގެ ދަބަސް ތެރޭގައި ފޮރުވާފައިވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
ނަމަވެސް އޭނާއާ ގުޅޭ ނުވަތަ އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ ނޫހުގައި ބުނެފައެއްނުވެއެވެ.
ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ އެކަމަށް ނަގަންޖެހޭ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.