ޕުލްކިތު ސަމްރާތު އާއި އޭނާގެ އަންހެނުން ޝްވެތާ ރޯހިރާ އާ ދެމީހުން ވަކިވުމަށް ފަހު، ޕުލްކިތު ސަމްރާތުގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ވަރަށް ގިނަ ބަޔަކު އަންނަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

އެގޮތުން އޭނާއާ ގުޅުވައިގެން އެންމެ ގަދަޔަށް ދެކެވޭ ވާހަކަ އަކީ އޭނާގެ ކޯސްޓަރ ޔަމީ ގޯތަމް އާ ދެމެދު އޮންނަ ގުޅުމުގެ ވާހަކައެވެ.

ސަމްރާތުގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ ވެސް ޔަމީ ގޯތަމް ކަމަށް އެއް ބަޔަކު ގަބޫލު ކުރެއެވެ. "ސަނަމް ރޭ" ގެ މަސައްކަތުގެ ތެރެއިން ދެމީހުން ރައްޓެހިވެފައިވާ ކަމަށް ޚަބަރުތައް ބުނާ އިރު ޔަމީ އަދި ސަމްރާތު ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޔަމީ އާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ސަމްރާތު މީގެ ކުރިން މާ ގިނަވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ސަމްރާތު މިވަނީ އޭނާގެ "ބްރޭކިންގ ޕޮއިންޓަށް" ގޮސްފައެވެ.

އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާއަށް އުނދަގޫވާ ކަމަށާއި، އެއްޗެއް ނުބުނެ ހުރި ނަމަވެސް އެކަމާ ރުޅި އަންނަ ކަމަށް ބުނެ ސަމްރާތު މިވަނީ ޓުވިޓާގައި ވަރަށް ނުރުހުންވެ ވާހަކަ ދައްކައިފައެވެ.

ޓުވިޓާގައި އޭނާ ބުނެފައި ވަނީ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމު ކުރާ މީހުން ދުނިޔޭގައި ނޫޅޭ ކަމަށާއި، އެމީހުން މުނިފޫހިފިލުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި އެފަދަ މީހުން މުނިފޫހިފިލުވަން ބަލަހައްޓައިގެން ތިބުމަކީ ބަލިކަށި މީހުންގެ ގޮތް ކަމަށާއި، އެކަން ހުއްޓާލުމަކީ ކެރޭ މީހުންގެ ސިފަ ކަމަށް ވެސް ވަނީ ބުނެފައެވެ.

"މިހާ ހިސާބުން ނިމުނީ. އިތުރު ޓުވީޓެއް ވެސް ނުކުރާނަން. ދިން ސަޕޯޓާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސަމްރާތު ކުރި އެންމެ ފަހު ޓުވީޓުގައި ބުނެފައިވެއެވެ.

އެ ޓުވީޓާ އެކު ސަމްރާތު ވަނީ އޭނާގެ ޓުވިޓާ އެކައުންޓު ޑިލީޓު ކޮށްލައިފައެވެ. އަދި ދުވަހަކު ވެސް ދެން ޓުވިޓާ އަށް އެނބުރި ނާންނާނެ ކަމަށް ވަނީ ބުނެފައެވެ.